ޚަބަރު

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންގެ މައްސަލަ ބަލަނީ


  • ފުލުހުންނާއި އިމިގްރޭޝަނުންދަނީ މިމައްސަލަ ބަލަމުން

  • މިކަމުގައި ޝާމިލުވާ ބިދޭސީންނާމެދު ފިޔަވަޅުއަޅާނެކަމަށް ޝަމްޢާން ވިދާޅުވި

އާޓިފިޝަލް ބީޗު ސަރަޙައްދުގައި މާރާމާރީ ހިންގި ބިދޭސީންގެ މައްސަލަ ބަލަމުންދާކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ހަވީރު އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ތަޙުގީގުކުރަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތުންވެސްވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާރާމާރީ ހިންގާ ޢާއްމު މަސްލަޙަތު ނަގާލުމުގައި ބައިވެރިވި ބިދޭސީންގެ މައްސަލަ ޓާސްކް ފޯސްއިން ބަލަމުންދާކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ ބިދޭސީންނާމެދު ފިޔަވަޅުއަޅުއްވާނެކަމުގެ ޔަގީންކަން ކޮންޓްރޯލަރވަނީ ދެއްވާފައެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކީ ރާއްޖޭގައި ހެދިފައި ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ ބައެއްކަން ކަށަވަރުކުރައްވާނެކަން ސަރުކާރުންވަނީ ވިދާޅުވެފައެވެ. މިކަން ކުރުމަށްޓަކައި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވެ، ދިވެހި ވިޔަފާރިތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑީޕޯޓުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިކަމަށްޓަކައި އެކުލަވާލާފައިވާ އިމިގްރޭޝަން ވޮޗްއަށް 1000 ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.