އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ބްރެންޓްފަޑުން ކާމިޔާބުކޮށްފިއެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 8 ވަނަ މިނިޓުގައި ބްރެންޓްފަޑްގެ ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ތިން މިނިޓް ފަހުން ނިއުކާސަލްގެ އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 28 ވަނަ މިނިޓުގައި ޔޯން ވިއްސާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ބްރެންޓްފަޑަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ހާވޭ ބާންސް ވަނީ ނިއުކާސަލްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ބްރެންޓްފަޑްގެ ނަތަން ކޮލިންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ތިންވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ ފަހު މިނިޓުގައި ކެވިން ޝޭޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.
މި ނަތީޖާއާއިއެކު މި ސީޒަނުގައި ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު އަށް މެޗުގައި ވަނީ 40 ގޯލު ފެނިގެންގޮސްފަ އެވެ. މިއީ ލީގުގެ އަށް މެޗުގައި މިހާތަނަށް އެއް ދަނޑެއްގައި ގޯލު ފެނިފައިވާ އަދަދެއް ނޫނެވެ. އަދި މިއީ 1937 ވަނަ އަހަރަށްފަހު ބްރެންޓްފަޑަށް އަމިއްލަ ދަނޑުގައި ޖެހިޖެހިން ފަސް މެޗުން މޮޅުވެވުނު ފުރަތަމަ ފަހަރުވެސްމެ އެވެ.
މި މެޗުގައި އެމްބުއޭމޯ ކާމިޔާބުކޮށްދިން ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް 9 ގޯލު ޖަހާފަ އެވެ. މީގެ ކުރިން އެއް ސީޒަނެއްގައި އޭނާއަށް އެންމެ ގިނައިން ވެސް ޖެހިފައިވަނީ 8 ގޯލެވެ.
މި މެޗުން މޮޅުވުމާއެކު ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގެ ހަތްވަނަ މަގާމް ލިބިފަ އެވެ. ނިއުސާކަލް ޔުނައިޓެޑް އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގަ އެވެ.