ޕްރިމިއާ ލީގުގައި ލެސްޓަރ ސިޓީ އާއި ބްރައިޓަން ރޭ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ލެސްޓަރ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު މިއީ އެ ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ދެވަނަ މެޗެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ލެސްޓަރ ކުޅުނު މެޗަކުން އަދި ބަލިވެފައެއް ނެތެވެ.
ބްރައިޓަން އަށް މިހާތަނަށް ކުޅުނު 15 މެޗުން 24 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ މަގާމް ލިބިފައިވާއިރު ލެސްޓަރ ސިޓީއަށް ލިބިފައިވާ 14 ޕޮއިންޓާއެކު އެ ޓީމު އޮތީ ސޯޅަ ވަނައިގަ އެވެ.
މެޗުގެ 37 ވަނަ މިނިޓުގައި ބްރައިޓަންގެ ތާރިގް ލަމްޕްޓޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 79 ވަނަ މިނިޓުގައި ބްރައިޓަންގެ ޔަންކޫބާ މިންޓޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ލެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖެމީ ވާޑީ އެވެ. އަދި އިތުރު ވަގުތުގެ ކުޅުމުގައި ވާޑީ ދިން ޕާހަކުން މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑެކޯޑޯވާ-ރެއިޑް އެވެ.
މި މެޗުގެ ފަގު ވަގުތު ލެސްޓަރ އިން ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވާއިރު އެންމެ ފަހުން ބްރައިޓަން އާއި ފުލަމް ބައްދަލުކުރި މެޗުވެސް ފަހަތުން އަރާ ފުލަމް އިން ވަނީ ކާމިޔާބުކޮށްފަ އެވެ.