އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.
ފުލަމްގެ ކްރެވަން ކޮޓޭޖްގައި ކުޅުނު މި މެޗު އެއްވަރުވުމާއެކު އެއްވަނައިގައި އޮތް ލިވަޕޫލް އާއި އާސެނަލް އާއި ދެމެދުވާ ފަރަގު ކުޑަކުރުމަށް އެ ޓީމަށް ލިބުނު ފުރުސަތުވަނީ ގެއްލިފަ އެވެ. އާސެނަލް އަށް 15 މެޗުން 29 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ލިބިފައިވާއިރު ލިވަޕޫލް އަށް ވަނީ 14 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 11 ވަނަ މިނިޓުގައި ފުލަމްގެ ރައުލް ޖިމިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ހަވަނަ ލަނޑެވެ.
ފުލަމް އިން ކުރީގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އާސެނަލްގެ ވިލިއަމް ސަލީބާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި ލަނޑަށްފަހު އާސެނަލްއިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ފުލަމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގެ ފަހު ވަގުތު އާސެނަލްގެ ބުކަޔޯ ސަކާ ލަނޑެއް ކާމިޔާބު ކުރި ނަމަވެސް އޭގެ ކުރިން އޭނާ އޮފްފައިޑް ވެފައިވާކަމަށް ރެފްރީ ވަނީ ނިންމާފަ އެވެ.