ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ފަހަތުން އަރާ 4-2 ގެ ނަތީޖާއަކުން ޗެލްސީ އިން ކާމިޔާބުކޮށްފި އެވެ.
ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަސްދޮޅަށް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރުމާއެކު އެ ޓީމުން ވަނީ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ޗެލްސީއަށް 15 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލް އެއް މެޗު މަދުން ކުޅެ 14 މެޗުން ވަނީ 35 ޕޮއިންޓް ހޯދާފަ އެވެ. ޓޮޓްނަމް އަށް 15 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.
މި މެޗުގެ 5 ވަނަ މިނިޓުގައި ޓޮޓްނަމްގެ ޑޮމިކިކް ސޮލާންކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަ މިނިޓު ފަހުން ޑެޖާން ކުލުސޭވްސްކީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ.
ޗެލްސީން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޭޑަން ސަންޗޯ އެވެ. މި ލަނޑާއެކު ޗެލްސީން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 2-1 ގެ ނަތީޖާއަކުން ޓޮޓްނަމް ކުރީގައި އޮތް ނަމަވެސް މެޗުގެ 61 ވަނަ މިނިޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ އަކުން ކޯލް ޕާމާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި އޭގެ 12 މިނިޓު ފަހުން ކެޕްޓަން އެންޒޯ ފެނާންޑޭޒް ވަނީ ޕާމާގެ އެސިސްޓަކުން އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ޗެލްސީއަށް ކުރި ހޯދަދީފަ އެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީވެސް މެޗުގެ 84 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގައި ޖެހި ދެ ޕެނަލްޓީ އާއިއެކު ކޯލް ޕާމާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް ކުޅުންތެރިއަކު ލީގުގައި ޖެހި ފުރަތަމަ 12 ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. މީގެ 11 އަހަރު ކުރިން މިފަދަ ރެކޯޑެއް ހަދާފައިވަނީ މެންޗެސްޓަރ ސިޓީގެ ޔާޔާ ޓޯރޭ އެވެ. އޭނާ ވަނީ ލީގުގައި ޖެހި ފުރަތަމަ 11 ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
މި ސީޒަނުގައި ޗެލްސީން ވަނީ ލީގުގައި 35 ގޯލު ޖަހާފަ އެވެ. އޭގެ ތެރެއިން 11 ގޯލު ޖަހާފައިވަނީ ކޯލް ޕާމާ އެވެ.