ޚަބަރު

ސާލްޒްބާގް ބަލިކުރެވޭނެ ކަމަށް އެންރީކޭ ބުނެފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ސާލްޒްބާގްއާ ދެކޮޅަށް ކުޅޭ މެޗުން ޕީއެސްޖީއަށް މޮޅުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ފަސް މެޗު ޕީއެސްޖީ އިން މިހާތަނަށް ކުޅެފައިވާއިރު އެ ޓީމަށް އެ ފަސް މެޗުން ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓާއެކު ތާވަލުގެ 25 ވަނަ އެވެ. މުޅިން އައު ފޯމެޓަކަށް މި ފަހަރުގެ ޗެމްޕިއަންސް ލީގު ބަދަލުކޮށްފައިވާއިރު ޖުމްލަ 36 ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް އަށް މެޗު ކުޅުމަށްފަހު ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބިގެންދާނެ އެވެ. އަދި 9 އިން 24 އަށް ޖެހޭނީ ޕްލޭއޮފް އިތުރު މެޗުތަކެއް ކުޅުމަށެވެ.

މި މުބާރާތުގައި ޕީއެސްޖީ އިން މިހާތަނަށް ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގެ އިތުރުން އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުތަކުން ބަލިވެފަ އެވެ.

ސާލްސްބާރގް އާއި ދެކޮޅަށް އޮސްޓްރިއާގައި މިރޭ ޕީއެސްޖީ ކުޅޭ މެޗަށް ނިކުތުމުގެ ކުރިން އެންރީކޭ ބުނެފައިވަނީ މުބާރަތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މިއީ މުހިންމު މެޗެއް ކަމަށާއި މި މެޗުން އެ ޓީމަށް ތިން ޕޮއިންޓް ހޯދަން މަޖުބޫރު ވެފައިވާ ކަމަށެވެ.

އެންރީކޭ އިތުރަށް ބުނެފައިވަނީ އެ ޓީމުން އެންމެ ފަހުން ކުޅެފައިވާ 19 ވަރަކަށް މެޗަށް ބަލާއިރު އެ މެޗުތަކުގައި ނެރެވިފައިވާ ނަތީޖާ އާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި އެހެން ކަމުން މި މެޗަށް ނިކުންނައިރު ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.

ފްރާންސްގެ ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު 14 މެޗުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. އަދި ތާވަލުގެ އެއްވަނައިގައި އެ ޓީމަށް ވަނީ 5 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ.