ކްރޮއޭޝިއާ ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއަޓަރ ފައިނަލުން ޕޯޗްގަލް ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު މުބާރާތުގެ ދެވަނަ މެޗްގައި ކްރޮއޭޝިއާގެ މައްޗަށް ޕޯޗްގަލް ކުރި ހޯދީ އެއްލަނޑު ސުންލަނޑުންނެވެ.
ޕޯޗްގަލްއިން މެޗްގައި ލަނޑު ޖެހީ މެޗްގެ ނުވަދިހަ މިނެޓްގައި ލަނޑެއް ނުޖެހުމުން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފްގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރިކާޑޯ ގުއަރެސްމާއެވެ. މިއީ މިފަހަރުގެ މުބާރާތުގައި ޕޯޗްގަލް މޮޅުވި ފުރަތަމަ މެޗެވެ. ގްރޫޕް ސްޓޭޖްގައި ޕޯޗްގަލް ކުޅުނު ތިން މެޗްވެސް ނިމުނީ އެއްވަރުވެގެންނެވެ.
ކްރޮއޭޝިއާ ދެވަނަ ބުރުގެ މެޗާ ކުރިމަތިލީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ކުއަޓަރ ފައިނަލްގައި ޕޯޗްގަލް ވާދަކުރަން ޖެހޭނީ ސްވިޒަލޭންޑް ބަލިކޮށް ކުއަޓަރ ފައިނަލުން ޖާގަ ހޯދި ޕޮލަންޑާއެވެ. މިމެޗް ކުޅޭނީ މިމަހު 30 ވަނަ ދުވަހުގެ ރޭ ބާރަ ޖަހާއިރުއެވެ.