ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޝާހްތާރު ޑޮނެސްކް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު ފަހަތުން އަރާ 5-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކާމިޔާބުކޮށްފި އެވެ.
ޝާހުތާރުގެ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު ބަޔާން މިއުނިކަށް ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން 12 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ އަށް އަރާފަ އެވެ. ޝާހުތާރު އޮތީ ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ 27 ވަނައިގަ އެވެ.
މި މެޗުގެ ފަސްވަނަ މިނިޓުގައި ޝާހުތާރުގެ ކެވިން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ބްރެޒިލް އަށް އުފަން ކެވިން ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.
ނަމަވެސް މި ސީޒަނުގައި ރަގަޅު ނަތީޖާތަކެއް ހޯދަމުންދާ ބަޔާން މިއުނިކްގެ ކޮންރެޑް ލެއިމާ ވަނީ އޭގެ ހަ މިނިޓު ފަހުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަނިޔާގެ ސަބަބުން ބަޔާން މިއުނިކްގެ ފޯވަޑް ހެރީ ކޭން ނުލާ އެ ޓީމުން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ތޯމަސް މުލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.
މެޗުގެ 70 ވަނަ މިނިޓުގައި ބަޔާން މިއުނިކް އަށް ލިބުނު ޕެނަލްޓީ އަކުން މައިކަލް އޮލިސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖަމާލް މުސިއާލާ އެވެ.
އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި މައިކަލް އޮލިސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.