ޚަބަރު

ހެލްޕް ނޭޕާލް އަތުން ރާއްޖޭގެ ކުލަބު އެޗްޑީސީ ބަލިވެއްޖެ


ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކްލަބް ޗެމްޕިއަންޝިޕުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އަތުން ރާއްޖޭގެ ކުލަބު އެޗްޑީސީ 3-1 ސެޓުން ބަލިވެއްޖެ އެވެ.

މިއީ މުބާރާތުގައި އެޗްޑީސީ ކުޅުނު ހަތަރުވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެޗްޑީސީ ވަނީ ނޭޕާލުގެ ގަންޑާކީއާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. ދެވަނަ މެޗުގައި އީރާނުގެ ޗަދޯރުމަލޫ އަތުން 3-2 ސެޓުން ބަލިވިއިރު ތިންވަނަ މެޗުގައި އިންޑިއާގެ ކަލިކަޓް ހީރޯސް އަތުން ބަލިވީ 3-0 އިންނެވެ.

ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި މޮޅަށް ކުޅުނީ ހެލްޕް ނޭޕާލުންނެވެ. ނަމަވެސް އެޗްޑީސީން ދިޔައީ ލިބުނު ފުރުސަތުތަކުގައި ބޭނުން ހިފަމުންނެވެ. މި ސެޓު ހެލްޕް ނޭޕާލުން ކާމިޔާބުކުރީ 22-25 އިންނެވެ.

ދެވަނަ ސެޓުގައި ފެނުނީ ފުރަތަމަ ސެޓަށްވުރެ ވާދަވެރިކޮށެވެ. މި ސެޓުގެ މެދުތެރޭ އެޗްޑީސީން ލީޑު ނެގިނަމަވެސް ހެލްޕް ނޭޕާލުން ވަނީ އެއްވަރުކޮށްފައެވެ. ނަމަވެސް އެޗްޑީސީގެ ތަޖުރިބާގެ ބޭނުން ހިފާ، މި ސެޓު އެ ޓީމުން ވަނީ 24-26 އިން ކާމިޔާބުކޮށްފައެވެ.

ތިންވަނަ ސެޓުގައި އެޗްޑީސީގެ ފަރާތުން ގޯސްތަކެއް ފެނުނެވެ. މި ގޯސްތަކުގެ ފައިދާ ނަގާ، މި ސެޓު ހެލްޕް ނޭޕާލުން ކާމިޔާބުކުރީ 25-19 އިންނެވެ. ހަތަރުވަނަ ސެޓުގައި ނޭޕާލް ޓީމުން ތިން ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ސެޓުގެ ފަހުކޮޅު އެޗްޑީސީން ނަތީޖާ ހަމަހަމަކުރި އެވެ. ނަމަވެސް ފަހު ވަގުތު ނޭޕާލް ޓީމުން ވަނީ 25-21 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.

މި ހަތަރު މެޗާއެކު އެޗްޑީސީ މިވަގުތު އޮތީ ފަސް ޓީމު ވާދަކުރާ ގްރޫޕުގެ ހަތަރުވަނައިގައެވެ. މުބާރާތުގައި ދެން އޮތީ ރޭންކިން މެޗެވެ. އެންމެ ގަދަ ހަތަރު ޓީމު ވާދަކުރާ ރޭންކިން މެޗުން މޮޅުވާ ޓީމަކަށް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.