ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރޭންޖާސް އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
މި މެޗު އެއްވަރުވެފައިވާއިރު މި މުބާރާތުގައި މިހާތަނަށް މި ދެ ޓީމު ކުޅުނު ހަ މެޗުން ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ 11 ޕޮއިންޓެވެ. ފައިދާ ގޯލުގެ ތަފާތުން ރޭންޖާސް އަށް އަށްވަނަ ލިބިފައިވާއިރު ޓޮޓްނަމް އޮތީ ނުވަވަނައިގައެވެ.
ރޭންޖާސް ގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ރޭންޖާސްގެ ހަމްޒާ އިގަމާން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ލަނޑު ޖަހާ ދެ ޓީމަށްވެސް ރަގަޅު ފުރުސަތުތަކެއް ލިބިފައިވާ މި މެޗުގައި ލަނޑެއް ޖެހުމަށް ޓޮޓްނަމް ކުރަމުންދިޔަ މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 75 ވަނަ މިނިޓުގައި ޑެޖާން ކުލުސެވްސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޓޮޓްނަމް މިދިޔަ މަހު މެންޗެސްޓަރ ސިޓީ އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު އަދި އެ ޓީމަށް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ. އަދި އެ ޓީމު އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
ފަހަކަށް އައިސް ޓޮޓްނަމް އަށް ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާތީ އެ ޓީމުގެ ކޯޗަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
ޓޮޓްނަމް އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ނިކުންނާނީ ސައުތެމްޓަން އާއި ދެކޮޅަށެވެ. އަދި މި މެޗުން އެ ޓީމަށް އެދެވޭ ނަތީޖާތަކެއް ނުނެރެވިއްޖެނަމަ އެ ޓީމުގެ ކޯޗު ޕޮސްޓެކޮގްލޫ އަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހޭނެއެވެ.