ޚަބަރު

ހޮއިލުންޑުގެ ދެ ލަނޑުން ޔުނައިޓެޑް މޮޅުވެއްޖެ


ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލަޒެންއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ޗެކް ރިޕަބްލިކްގެ ދޫސަން އެރީނާގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރުމާއެކު އެ ޓީމަށް ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައަށް އަރާފައެވެ. ހަ މެޗުން ޕްލަޒެންއަށް ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ 17 ވަނައިގައެވެ. އެއްވަނައިގައި އޮތް ލާޒިއޯއަށް ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޔުނައިޓެޑްގެ ކީޕަރު އޮނާނާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޕްލަޒެންގެ މަތެޖް ވައިދްރާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ އޮނާނާގެ ފަރާތުން މިފަދަ ގޯހެއް ފެނިގެންދިޔަ ދެވަނަ މެޗެވެ.

މި މެޗުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދީފައިވަނީ ރަސްމުސް ހޮއިލުންޑެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާ ޔުނައިޓެޑްގެ ކޯޗު ކަމާއި ދާދިފަހުން ހަވާލުވި ރުބެން އަމޮރިމް ވަނީ މި މެޗަށްވެސް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ޓީމު މިފަދަ ހާލަތެއްގައި ވަނިކޮށް ކްލަބުގެ ސްޕޯޓިންގ ޑިރެކްޓަރ ޓީމު ދޫކޮށް ދިއުމަކީ އެ ކްލަބަށް ލިބުނު ދެރައެއް ކަމަށް އަމޮރިމްވެސް ވަނީ މީގެ ކުރިން ބުނެފައެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވެފައިވާއިރު މިއީ ފާއިތުވެދިޔަ 20 މަސް ދުވަހުގެ ތެރޭގައި ޔޫރަޕްގެ މުބާރާތެއްގައި ރަށުން ބޭރުގައި ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ.