ޚަބަރު

އިނގިރޭސި ޚަބަރެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ ޕީއެސްއެމްއިން މަޢާފަށް އެދިއްޖެ


  • އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައި

ޕީއެސްއެމް ނިއުސްއިން ގެނެސްދިން އިނގިރޭސި ޚަބަރުގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ އެކަމަށް ޕީއެސްއެމްއިން މަޢާފަށް އެދިއްޖެއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 10 ވަނަ ދުވަހު ރޭގަނޑު 19:00 ގައި ގެނެސްދިން އިނގިރޭސި ޚަބަރުގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ އެ ކަމަކީ ކުންފުނީގެ ކޮންޓެންޓް ޕޮލިސީއާ އެޑިޓޯރިއަލް ޕޮލިސީއާ ޚިލާފު ސީރިއަށް މައްސަލައެއްކަމަށެވެ. އެހެންކަމުން މިކަމުގައި ޝާމިލްވާ ފަރާތްތަކާމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެ ބަޔާނުގައިވެއެވެ.

ހަމައެހެންމެ މި މައްސަލާގައި ކަންހިނގައިދިޔަގޮތް ބެލުމަށްފަހު އިހުމާލުވި 2 މުވައްޒަފަކު ސަސްޕެންޑްކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުންފުނީގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި މިހާރު އަމަލުކުރަމުންދާ އެސްއޯޕީތައް އިސްލާހްކޮށް މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކުންފުނީގެ އޮޕަރޭޝަނަލް ކަންކަން ތަރުތީބުކުރަމުންދާކަމަށް ޕީއެސްއެމްއިން ބުނެއެވެ.