ޚަބަރު

ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކްސާގެ ބަލިތައް ކޮންޓްރޯލްކުރުމަށް މަޝްވަރާކޮށްފި


  • މިއީ ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް

  • ރުއްގަހަށް ދިމާވަމުން އަންނަ ބައެއް އެހެނިހެން ބޮޑެތި މައްސަލަތައްވެސް ތަޙްލީލު ކުރާނެ

ދިވެހިރާއްޖޭގެ ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ޗައިނާގެ ތަޖުރިބާކާރުނާއެކު މުހިންމު މަޝްވަރާތަކެއްކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) ގެ "އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސަރޗް އިންސްޓިޓިއުޓް"ގެ ތަޖުރިބާކާރުންގެ ވަފުދެއް، އެ ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކޮށްފައިވާކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް މެނޭޖްމަންޓް އެސިސްޓަންސް ޕްރޮޖެކްޓް" ގެ ތަންފީޒީ ތަފްސީލުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައިކަމަށެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގައި ރުއްތަކަށް ދިމަވެފައިވާ (ކޮކަނަޓް ހިސްޕައިން ބީޓަލް ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު އަދި އިސްތިރާތީޖީ ފިޔަވަޅެއްކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި މީގެއިތުރުންވެސް ރުއްގަހަށް ދިމާވަމުން އަންނަ ބައެއް އެހެނިހެން ބޮޑެތި މައްސަލަތައްވެސް ތަޙްލީލު ކުރުމަށްވަނީ މިބައްދަލުވުމުގައި މަޝްވަރާ ކޮށްފައިކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ޗައިނާގެ ތަޖުރިބާކާރުންގެ ޓީމް މިހާރު ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއަށް ޒިތާރަތްކޮށް ބަލިތައް ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.

ރާއްޖޭގައި ގަސްތަކަށްޖެހޭ ތަފާތު ވައްތަރުގެ ބަލިތައް ދެނެގަނެވޭނެ ލެބޯޓްރީއެއް މިހާތަނަށް ރާއްޖޭގައި ޤާއިމުވެފައި ނެތުމުގެ ސަބަބުން ބަލިތައް ތަހުލީލުކޮށް އެއަށްދޭންޖެހޭ ފަރުވާ ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި ޤައުމީ ފެންވަރުގެ ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކާއްޓާއި ކުރުނބާ ލިބުން ދަތިވެފައިވުމާއިއެކު އެކަމަށް ހައްލެއް ގެނައުމަށްޓަކައި 4 އަހަރުގެ މުއްދަތައް ނޭޝަނަލް ކޮކްނަޓް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން މި އަހަރު ނިމުމުގެ ކުރިން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި މުޑުވަށްކޮށްފައި ހުރި 160 ވަރަކަށް ރުއްތައް ރައްތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.