ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުގައި ފަހަތުން އަރައި ޅ. ނައިފަރު ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އައްޑޫ ސިޓީން ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ގްރޫޕް ޖީގެ މެޗު އައްޑޫން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 7-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އައްޑޫ ކުއާޓާއަށް ދަތުރުކޮށްފައިވަނީ މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން އައްޑުއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދި ނައިފަރަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ފުލަށްދިޔަ ދ. މީދުއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މިރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނައިފަރުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އިޒާން އަލީއެވެ. އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި އައްޑޫން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑު ޖަހައިދިނީ އިބްރާހީމް ވަހީދު ހަސަންއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ކޯނަރަކުން ހާޒިމް ފައުޒީ ވަނީ ލަނޑެއް ޖަހައި، އައްޑުއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނައިފަރުން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑު ޖަހައިދިނީ ކެޕްޓަން ހުސައިން ފައިސަލްއެވެ.
މި މެޗުގެ ދެވަނަ ހާފުގައި އައްޑޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެ ޓީމުގެ އިބްރާހީމް ވަހީދު ވަނީ އިތުރު ލަނޑު ޖަހާފައެވެ. އެއާއެކު މި މެޗުގައި އޭނާ ޖުމްލަ ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އައްޑޫގެ ހަވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ އިބްރާހީމް މަހުދީ ހަސަންއެވެ. އަދި އޭގެ 10 މިނެޓު ފަހުން އައްޑޫގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާޢީލް އީސައެވެ.
މި މޮޅާއެކު މުބާރާތުގެ ކުއާޓާއަށް އައްޑު ދަތުރުކުރިއިރު، ކުއާޓާގެ ޖާގަތައް ދެން ކަށަވަރުކޮށްފައިވަނީ ފުވައްމުލައް ސިޓީ އާއި، ކ ގުރައިދޫ އާއި، ބ. އޭދަފުއްޓާއި، ކ. މާފުށި އަދި ޅ. ނައިފަރުންނެވެ.