ހަންގޭރީގައި ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ރާއްޖޭގެ ތިން ފެތުންތެރިން ކަމަށްވާ ހަމްނާ އަޙްމަދާއި، މުޙައްމަދު އާން ހުސައިން އަދި މުޙައްމަދު ރިހާން ޝިހާމް ގައުމީ ރިކޯޑުތަކެއް ގާއިމުކޮށްފިއެވެ.
މި މުބާރާތުގައި ހަމްނާ ވަނީ ތިން ރިކޯޑެއް ހަދާފައެވެ. އެގޮތުން އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ހަމްނާ އައުކުރީ އެއް މިނެޓު 20.69 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު މީގެ ކުރިން ހަމްނާ ހަދާފައިވަނީ މިދިޔަ މަހު ހަންގޭރީގައި ބޭއްވި އެ ގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕުގައި ވާދަކޮށް އެއް މިނެޓު 22.65 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑުވެސް ހަމްނާ އައުކުރިއިރު، މި ރިކޯޑު ހެދީ 100 މީޓަރު ބްރެސްޓްސްޓްރޯކު އިވެންޓުގެ ފުރަތަމަ 50 މީޓަރު 36.84 ސިކުންތުން ނިންމައިގެންނެވެ. އަދި އޭގެ ފަހުން ހަމްނާ ވަނީ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓް 36.55 ސިކުންތުން ނިންމައި، މީގެ ކުރިން ހެދި ރިކޯޑުވެސް އައުކޮށްފައެވެ. މި މުބާރާތުގެ ކުރިން ހަމްނާ މި ރިކޯޑު ހަދާފައިވަނީ މި އަހަރު ހަންގޭރީގައި ބޭއްވި ހާޖޮސް އަލްފްރެޑް ކުޕާ ތިނެއްގައި ވާދަކޮށް 37.13 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މީގެ އިތުރުން ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރި އާން ވަނީ ދެ ރިކޯޑެއް ގާއިމުކޮށްފައެވެ. އެގޮތުން ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އާން އައުކޮށްފައިވަނީ 52.29 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އާން ހަދާފައިވަނީ މިދިޔަ މަހު ހަންގޭރީގައި ބޭއްވި އެ ގައުމުގެ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕުގައި ވާދަކޮށް 53.45 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑުވެސް އާން އައުކުރިއިރު، މި ރިކޯޑު ހަދާފައިވަނީ 23.35 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އާން ގާއިމުކޮށްފައިވަނީ ހަންގޭރީގެ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕުގައި ވާދަކޮށް 23.76 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މީގެ އިތުރުން ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރިހާން ވަނީ ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފައެވެ. މި ރިކޯޑު އޭނާ ހަދާފައިވަނީ ދެ މިނެޓު 17.93 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރިކޯޑު ރިހާން އައުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހު ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯޓްކޯސް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް ދެ މިނެޓު 21.75 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.