ޚަބަރު

ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް މަތީ ތަޢުލީމާ ބެހޭ ވަޒީރު ހުޅުއްވާދެއްވައިފި


  • ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތައް ކުރިއަށްގެންދާނެ

ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހުޅުއްވާދެއްވައިފިއެވެ.

ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ވިލާ ކޮލެޖަކީ އައްޑޫ ސިޓީއަށް އެތައް ޚިދުމަތްތަކެއް ފޯރުކޮށްދެއްވާފައިވާ ކޮލެޖެއް ކަމަށާއި، މިހުޅުވުނު ހިތަދޫ ކެމްޕަހަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ކެމްޕަހެއްކަމަށެވެ.

ވަޒީރު ވިދާޅުވީ މަތީ ތަޢުލީމުގެ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އެންމެ ކުރީ ސަފުން ވިލާ ކޮލެޖް ޖާގަ ހޯއްދަވާފައިވާކަމަށެވެ. ވިލާ ކޮލެޖްގެ އިތުރުންވެސް އެހެނިހެން އަމިއްލަ ފަރާތްތަކުންވެސް މަތީ ތަޢުލީމު ކުރިއެރުވުމަށް އަގުހުރި މަސައްކަތްތަކެއް ކުރައްވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މަތީ ތަޢުލީމު ހާޞިލުކުރާ ކޮންމެ ދަރިވަރަކީ އެދަރިވަރެއްގެ ކުޅަދާނަކަމާއި ޤާބިލްކަމާމެދު ޝައްކު ނުއުފެދޭ ފަދަ ދަރިވަރަކަށްވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

"މަތީ ތަޢުލީމުގެ ހިޔާވަހިކަމުގެ ދަށުން ދަސްވެނިވެގެން ނިކުންނަ ކޮންމެ ދަރިވަރަކީ، އެ ދަރިވަރެއްގެ ކުޅަދާނާކަމާމެދު ސުވާލުނުއުފެދޭނެ ފަދަ ދަރިވަރަކަށްވުން މުހިންމު. ވަޒީފާއަކަށް ދިޔަނަމަ، ވަޒީފާ ދިން ފަރާތް މާޔޫސްނުވާފަދަ ހުނަރުހުރި ދަރިވަރަކަށް ކޮންމެ ދަރިވަރަކުވެސް ވުން ބޭނުންތެރި. ވަޒީފާއެއް އަދާކުރަން ބޭނުން ނެތް ނަމަ އަމިއްލަ މަސައްކަތަކުން ދިރިއުޅުން އާރާސްތު ކުރެވޭފަދަ ހުނަރުވެރި ދަރިވަރަކަށްވުމަކީ އަޒުމެއްކަމަށް ކޮންމެ ދަރިވަރަކުވެސް ހަދަންވާނެ" މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. މާރިޔާގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ، ޢަލީ ނިޒާރުއާއި ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ.އަޙްމަދު އަންވަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލާ ކޮލެޖްގެ މިކެމްޕަހަކީ މަތީ ތަޢުލީމުގެ ދާއިރާގައި ބޭނުންކުރާ އެންމެ ޒަމާނީ އަގުހުރި ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ކެމްޕަހެކެވެ. އަދި މިއީ 25 މިލިޔަން ރުފިޔާގެ އިންވެސްޓްމަންޓެކެވެ. މިކެމްޕަހުގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އަތޮޅުތަކުގައި މިފަދަ މަތީ ތަޢުލީމު ފޯރުކޮށްދޭ ކެމްޕަސްތައް ޤާއިމްވެގެން ދިޔުމަކީ ރާއްޖޭގެ މަތީ ތަޢުލީމް އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.