ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތް ހޭންޑްބޯލް މޯލްޑްވިސްއިން ފަށައިފިއެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު އެކުލަވާލުމާއި ޓީމުގެ ތައްޔާރީތައް މި ވަގުތު ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ ބީޗް ހޭންޑްބޯލް ޓީމުގެ ކޯޗަކީ ޕާކިސްތާންގެ ތަޖުރިބާކާރު ކޯޗު އާސިމް ރާޝިދެވެ. މި ޓީމު އެކުލަވާމުގެ މަސައްކަތް އެސޯސިއޭޝަނުން ކުރަމުން އަންނައިރު، އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވީ ފާކިސްތާނުން އޭޝިއަން ބީޗް ގޭމްސްގައި ރަން މެޑެލް ހޯދި ކޯޗު ގައުމީ ޓީމަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ މެޑެލް ހޯދުން ކަމަށާއި، އެ ހުވަފެން ނުދެކި އެކަން ހާސިލު ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރަނގަޅު ގައުމީ ޓީމެއް ބައްޓަންކުރުން. އަޅުގަނޑުމެން މި އުޅެނީ މުބާރާތުގައި ބައިވެރިވެ ރަނގަޅު ކުޅުމެއް ދެއްކޭތޯ." މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތަށްފަހު ރަމަޟާން މަސް ނިމުމުން ޓީމު ތައްޔާރުވަނީ ދެކުނު އޭޝިއާގެ ބީޗް ހޭންޑްބޯލް މުބާރާތަށް ކަމަށެވެ. އެ މުބާރާތަށް ގައުމީ ޓީމު ތައްޔާރުވާނީ ސީދާ މެޑެލް ހޯދަން ކަމަށާއި، މި ވަގުތު ގައުމީ ޓީމުގެ ތައްޔާރުވުންތައްވެސް ހުރީ އެ ވިސްނުމާއި، ފިކުރުގައި ކަމަށްވެސް ވިދާޅުވިއެވެ. ޓީމުގެ ތައްޔާރުވުންތަކާ ގުޅޭގޮތުން މުޖުތަބާ ވިދާޅުވީ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް ޓީމު އެކުލަވާލުމުގައި ބައިވެރިކުރުން ކަމަށާއި، އެހެންނަމަވެސް މާލޭގައި ޓީމު އެކުލަވާލުން ކުރިއަށްނުގެންދާތީ ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ކަމަށެވެ.
"މާލެ އަކީ ހުރިހާ ކަމެއް ކުރަން އޮތް ތަނެއް ނޫން. އަޅުގަނޑުމެން ވިސްނުމަކީ ކުޅިވަރު ޑީސެންޓްރަލައިޒް ކުރުން. އެހެން ސިޓީގައި މިކަން ކުރުން އަޅުގަނޑުމެންގެ ވިސްނުމަކީ. މާލޭގައި ކުޅޭނެ ތަނެއް ނެތީ، ޖާގައިގެ ދަތިކަން ދިމާވަނީ." މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ކައުންސިލުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް އެސޯސިއޭޝަނަށް ލިބެމުން އަންނަ ކަމަށާއި، ކޯޗުގެ ކަންތައްތަކާއި ގައުމީ ޓީމުގެ ތައްޔާރުވުންތަކަށް ކުޅުދުއްފުށިން ދެ ދަނޑު ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުން ހޭންޑްބޯޅައަށް ކުރަމުން އަންނަނީ ވަރަށް ބޮޑު ހޭދައެއް ކަމަށާއި، އެއީ އެސޯސިއޭޝަނަށް އެކަނި ކުރެވޭނެ ޚަރަދުތަކެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ގައުމީ ޓީމަށް ޕާކިސްތާން ކޯޗެއް ހަމަޖެއްސިއިރު، ޕާކިސްތާނުން ވަނީ ރާޝިދުގެ ކޯޗުކަމުގައި އޭޝިއަން ގޭމްސްގައި ބީޗް ގޭމްސްއިން ދެ ފަހަރު ރަން މެޑެލް ހޯދާފައެވެ. އަދި މީގެ އިތުރުން ލޯ މެޑެލް އާއި ރިހި މެޑެލްވެސް ވަނީ ހޯދާފައެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް އޮންނާއި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 އިން 23 ގެ ނިޔަލަށް ޕާކިސްތާނުގެ ކަރާޗީގައެވެ.