މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގެ ބަނދަރު އަލުން ތަރައްޤީކޮށް ބޭނުންކުރަންފެށީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި ބަނދަރުގެ ބޭނުން އެންމެ އެދެވޭގޮތުގައި ނުހިފޭކަމުގެ ޝަކުވާ އެރަށުގެ ރައްޔިތުންގެންދަނީ ކުރަމުންނެވެ. އެއީ ބަނދަރުގެ އެތެރެ ގަދަވުމުގެ ސަބަބުން އޮޑިދޯނިފަހަރު އަޅާފައި ނުބޭއްވޭތީއެވެ.
ވުމާއެކު މިކަމަށް ޙައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. ރައްޔިތުން ބޭނުންވާގޮތަށް ބަނދަރު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. ބަނދަރުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
އާބާދީގައި 1100 އެއްހާ މީހުން ދިރިއުޅޭ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫއަކީ ގިނަ ޢަދަދެއްގެ އޮޑިދޯނިފަހަރު ގެންގުޅޭ ރަށެކެވެ. ފުޅާވަމުންދާ ލޯކަލް ޓޫރިޒަމާއެކު އެރަށުގެ ބަނދަރުވެފައިވަނީ ރަށުގެ އިޤްތިޞާދުގެ މުހިންމު ތަނަކަށެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ހޮޅުދޫ ކައުންސިލްގެ ރައީސް ރިޟްވާން މުޙައްމަދު ވިދާޅުވީ، ބަނދަރު ކުރިން އޮތްގޮތުން މޫސުން ކުޑަކޮށް ގޯސްވާ ދުވަސްވަރުވެސް ބަނދަރުގެ އެތެރެ ވަރަށް ބޮޑަށް ގަދަވާކަމަށެވެ. އެހެންކަމުން ގިނަ ދުވަސްވަރު ބޭނުންކުރަންޖެހެނީ ބަނދަރުގެ އެއްފަޅިކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން މުޅި ބަނދަރު ބޭނުންކުރެވޭނެގޮތެއް ވުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައިކަމެއްކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މޫސުން ރަނގަޅަށް އޮންނަ އިރުވެސް ބޭނުންކުރެވޭނީ ހުޅަނގުން މިއޮންނަ ސަރަޙައްދު. މިރަށުގައި ބަނދަރުގެ އެތެރެ ހަނިވުމަކީވެސް މައްސަލައެއް. މިހާރުވެސް އަޅުގަނޑުމެން އެދުނު ބައެއް ބަދަލުތައްވަނީ ގެނެސްދެއްވާފައި. އަޅުގަނޑުމެން އުންމީދުކުރަނީ މުޅި މަޝްރޫޢު ނިމިގެންދާއިރު އެކަމަށްވެސް ޙައްލެއް ލިބިގެންދާނެކަމަށް." ކައުންސިލް ރައީސް ވިދާޅުވިއެވެ.
ހޮޅުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ބަނދަރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ނެރުފުންކުރުމާއި، 5300 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުން ހިމެނެއެވެ. އަދި 570 މީޓަރުގެ ބޭރުތޮށިލުމާއި، 389 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 418 އަކަ މީޓަރުގެ ޕޭމަންޓަކާއި ބަނދަރު ބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.
ބަނދަރުގެ މަސައްކަތް މިހާރު އެރަށުގައި ކުރިއަށްދަނީ ރަށުގެ ރައްޔިތުން އެދޭގޮތަށްކަން ކައުންސިލުން ފާހަގަކުރައްވައެވެ.
ހޮޅުދޫ ބަނދަރުގެ ތަރައްޤީކުރުމުގެ އިތުރުން އެރަށުގެ އުދައަރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ޙަވާލުކޮށްގެން ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުވެސް ބާރަށް ކުރިއަށްދާއިރު، އެމްޓީސީސީން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ތެރޭގައި ދެމަޝްރޫޢުވެސް އެއްކޮށް ނިންމާލުމަށެވެ.
މި ދެ މަޝްރޫޢުވެސް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ އެއް އަހަރުގެތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 46.7 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.