ޚަބަރު

ކޮންމެ އަތޮޅެއްގައިވެސް މަތީ ތަޢުލީމާއި ތަމްރީން ދިނުމަށް ޚާއްސަ މަރުކަޒެއް ތަރައްޤީކުރަނީ


  • އެ މަރުކަޒުތަކުގައި އަމިއްލަ ފަރާތްތަކަށްވެސް ޕްރޮގްރާމްތައް ކުރިއަށްގެންދެވޭނެ

  • 2 ޔުނިވަރސިޓީގެ ކެމްޕަސްތައް އިތުރު ސަރަޙައްދުތަކުގައިވެސް ތަރައްޤީކުރާނެ

މަތީ ތައުލީމާއި ތަމްރީނުގެ ފުރުޞަތުތައް އަތޮޅުތަކަށް ފުޅާކުރުމަށް، ކޮންމެ އަތޮޅެއްގައި އެކަމަށް ޚާއްސަ މަރުކަޒެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކުރުމަށްޓަކައި މަތީތަޢުލީމާ ބެހޭ ވުޒާރާއިން މިހާރުވެސް އަންނަނީ އެކި ސަރަޙައްދުތަކުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއަރ ކޮލެޖްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަތީ ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ އަތޮޅުތަކަށް މަތީ ތައުލީމްގެ ފުރުޞަތުތައް ފުޅާކުރުމަށް ކުރާމަސައްކަތްތަކުގެ ދަށުން ކޮންމެ އަތޮޅެއްގައިވެސް، ޚާއްސަކޮށް އާބާދީ ބޮޑު ރަށްރަށުގައި މަތީ ތަޢުލީމާއި ހުނަރު ދަސްކޮށްދޭނެ މަރުކަޒެއް ތަރައްޤީކުރުމަކީ އަމާޒެއްކަމަށެވެ. އަދި އެމަސައްކަތް އަވަހަށް ކުރިއަށްގެންދިޔުމަށްޓަކައި އެކި ކައުންސިލްތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ.

ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވީ ސަރުކާރުން އެތަންތަން ތަރައްޤީކުރިނަމަވެސް އެފަދަ މަރުކަޒުތައްވާނީ އަމިއްލަ ފަރާތްތަކަށްވެސް އެކި ޕްރޮގްރާމްތައް ކުރިއަށްގެންދެވޭނެ ގޮތަކަށް ތަރައްޤީކުރާނެ ތަންތަން ކަމަށެވެ. އަތޮޅުތަކުގައި ތަރައްޤީކުރާ މަރުކަޒުތަކުގެ ސަބަބުން ހުއްޓުމެއްނެތި މަތީ ތައުލީމާއި ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތު ލިބޭނެކަން ޝަފީޢު ފާހަގަކުރެއްވިއެވެ.

"ސަބަބަކީ އަމިއްލަ ފަރާތްތަކަށްވެސް ކޮންމެ އަތޮޅެއްގައި އެފަދަ މަރުކަޒުތައް ތަރައްޤީކުރުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭ. ބެޗްއެއް ނިއްމާލުމަށްފަހު ދެވަނަ ބެޗްއެއް ކުރިއަށް ގެންދިޔުމަށްޓަކައި ކުދިންނެއް ނުލިބޭ. އެހެންވެއްޖެއާ ޕްރޮގްރާމްވެސް ބަދަލުކުރަން އެބަޖެހޭ. ވީހަވެސް ފަސޭހަކޮށް ބަދަލުތައް ގެނެސްގެން ކުރިއަށް ގެންދެވޭނެ ގޮތަކަށް ރާވާލަނީ" މަތީ ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވަނީ މި 5 އަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަތީ ތައުލީމްގެ މަރުކަޒުތައް ތަރައްޤީކުރުމަކީ އަމާޒެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސީޓިން އަތޮޅުތަކުގައި ކެމްޕަސްތައް ތަރައްޤީކުރުމަށް ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިވަގުތު ޖޫނިއަރ ކޮލެޖްތަކާއި ޓިވެޓް ސެންޓަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ދިއްދޫ ޖޫނިއަރ ކޮލެޖްއާއި އަލިފުށި ޓިވެޓް ސެންޓަރުގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައެވެ. އަދި މި ތަންތަނުގެ އިމާރާތުގެ މަސައްކަތް މުޅިން ނުނިމުނުނަމަވެސް ބައެއް ޕްރޮގްރާމްތައް މިހާރުވެސް ކުރިއަށްދެއެވެ. މީގެ އިތުރުން އިތުރު ސަރަޙައްދުތަކުވެސް މިފަދަ ތަންތަން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަަންނައިރު އެތަންތަން ތަރައްޤީކުރަނީ ކުދިންނަށް ތިބެވޭނެ އިންތިޒާމްތަކާއެކު އެ ސަރަޙައްދަކަށް ޚާއްސަ ކޯސްތައް ހިންގާ ގޮތަކަށެވެ.