ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް 53 ރަށަކަށް 61 ޖަނަރޭޓަރުސެޓު ފޯރުކޮށްދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ފެނަކައިން އަންނަނީ 157 ރަށަކަށް ކަރަންޓުގެ ޚިދުމަތް ދެމުންނެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެތެރޭގައި އެކުންފުނިން ކުރި މަސައްކަތްތަކާއި ގުޅޭގޮތުން ފެކައިން ވިދާޅުވީ، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެވިކަމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމައްޓަކައި 53 ރަށަކަށް 61 ޖެނެރޭޓަރުސެޓް ފޯރުކޮށްދީފައިވާކަމަށާއި، އެއީ 36.7 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީކަމަށެވެ.
މީގެ އިތުރުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް 20 ރަށެއްގައި ކުރިއަށް ގެންދިޔަކަމަށާއި، އޭގޭ ތެރޭގައި ކަރަންޓު ކޭބަލް އައު ކުރުމާއި ކުދި ކޭބަލްތަކުގެ ސައިޒް ބޮޑުކުރުމާއި، އައު ޓްރާންސްފޯމަރުތައް ބަހައްޓައި ކަރަންޓުގެ ޔަޤީންކަން ކަށަވަރުކުރިކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.
ފެނަކައިން ވިދާޅުވީ އަލަށް ބެހެއްޓި ޓްރާންސްފޯމަރުތަކަކީ ރަށްރަށުގައި ކުރިން ހުރި ސައިޒަށްވުރެ ކެޕޭސިޓީގެ ގޮތުން ބޮޑެތި ޓްރާންސްފޯމަރުތަކެއްކަމަށެވެ. އަދި ރަށްރަށުގައި މީހުން އަލަށް އާބާދުވާ ސަރަހައްދުތަކަށާއި އިޤްތިސާދީ ސަރަހައްދުތަކަށްވެސް ކަރަންޓު ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް އިސްކަމެއް ދެއްވައިގެން ކުރެއްވިކަމަށް ފެނަކައިން ވިދާޅުވިއެވެ. އެގޮތުން 4 ރަށެއްގައި އައު ކަނެކްޝަން ޤާއިމްކުރިކަމަށާއި، އެއީ ޖުމްލަ 360 ގޭބީސީކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.
އެކުންފުނީގެ އަމާޒަކީ ކަރަންޓުގެ ހާލަތު ނާޒުކު ރަށްރަށަށް އިސްކަންދީގެން ޚިދުމަތަށް ބުރޫނާރާނެގޮތަށް ކަރަންޓުގެ ޤާބިލްކަން އިތުރުކުރުންކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.