ޚަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު އިސްތިއުފާދެއްވައިފި


ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާދެއްވިކަން މުޢާޒް ވަނީ ސޯޝަލް މީޑިއާގައި ޙިއްސާކުރައްވާފައެވެ.

މުޢާޒް އިސްތިއުފާ ދެއްވައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ދުވަހުން ފެށިގެންވެސް މަސައްކަތް ކުރެއްވީ އިޚުލާސްތެރިކަމާއެކުގައިކަމަށެވެ. އަދި މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ތަފާތު ގޮންޖެހުންތަކާއެކުވެސް ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ކުންފުނިތައް ހިންގުން ބައްޓަން ކުރަންޖެހެނީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީއަކުން ކަމަށްވިނަމަވެސް ފެނަކައިގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެކަން ކުރެވެން ނެތް ކަމަށެވެ. އެގޮތުން، ކުންފުންޏާ ހަވާލުވިރު 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތުމާއެކު ކުންފުންޏަށް އެކަށީގެންވާވަރަށްވުރެ ގިނައިން ވަޒީފާ ހަމަޖައްސަން ޖެހުމާއެކު މުވައްޒަފަށް ކޮންމެހެން ބޭނުންވާ މިންވަރަށް މުވައްޒަފުން އަދަދު މަދުކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާގުޅުންހުރި އިދާރާތަކުން ނުލިބޭކަން މުޢާޒް ފާހަގަކުރެއްވިއެވެ. އަދި ކުންފުންޏަށް ލިބިފައިވާ އާމްދަނީއަށްވުރެ ކުރަންޖެހިފައިވާ ޚަރަދުތައް ގިނަކަންވެސް އޭނާ ވިދާޅުވިއެވެ.

މި ގޮންޖެހުންތަކާއެކުވެސް ފާއިތުވި އެއް އަހަރު ދުވަހު ކުންފުންނީގެ ހިންގުން ހަރުދަނާކޮށް ޚަރަދުކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މުޢާޒް ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ޚަރަދުން ސަލާމަތްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ހިންގުމުގެ ޚަރަދު ސަލާމަތްކޮށްގެންވެސް މިހާރު އެކުންފުނި ވެއްޓިފައިވާ މާލީ ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި އާމްދަނީއަށްވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްނުދެވޭ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލިމަގެއް ނުފެންނާތީ އިސްތިއުފާދެއްވަނީ ކަމަށް މުޢާޒް ރައީސަށް ފޮނުއްްވެވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.