މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 57 ގެއެއްގެ އެސެސްމަންޓް ހަދާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެ ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން ދިވެހި ސިފައިންނާއި ދިވެހި ފުލުހުން އަދި ދިވެހި ރެޑްކްރެސެންޓްގެ ހޮޓްލައިންތަކަށް 98 ކޯލް ލިބުނުކަމަށެވެ. މީގެ ތެރޭގައި ވެލިބަސްތާ ޖައްސާދިނުމަށް އެދި 70 ކޯލް، ގެއްލުންތައް ރިޕޯޓްކުރުމަށް 21 ކޯލް އަދި ސީދާ ޒަރޫރީ އެހީތެރިކަމަށް އެދި 7 ކޯލް ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ ވިއްސާރާގައި އަވަސް އެހީތެރިކަން ބޭނުންވާކަމަށް ފާހަގަކުރެވުނު 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް، ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ހެދުންކަމަށެވެ. މީގެ ތެރެއިން 8 ގޭބީސީއެއްގެ 32 މީހުން އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖައްސަވައިދެވުންކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އަދި މިހާރު އެ ފަރާތްތަކުގެ ދިރިއުޅުން އާންމު ހާލަތަކަށް ރުޖޫއަވެފައިވާކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.
އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ހިނގި ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން އެސެސްމެންޓް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވުނު 30 ގޭގެ ޑެމޭޖް އެސެސްމެންޓް މި އޮތޯރިޓީއިން ވަނީ @maldivianrc ގެ އެހީތެރިކަމާއެކު ނިންމާފައި. pic.twitter.com/J4pTNlsMMX
— NDMA Maldives (@NDMAmv) December 22, 2024
އެންޑީއެމްއޭއިން ވިދާޅުވީ މި ހާދިސާ އާއި ގުޅިގެން މާލެއިން އެސެސްމަންޓް ހަދަންޖެހޭކަމަށް ފާހަގަކުރެވުނު 30 ގެއެއްގެ ޑެމޭޖް އެސެސްމަންޓް ހަދާފައިވާކަމަށެވެ. މިގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ގިނައިން ފާހަގަކުރެވިފައިވަނީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކާއި އަދި އިމާރާތުގެ ސީލިންގ ލިބިފައިވާ ގެއްލުންތައްކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.
ރާއްޖެއަށް ކުރި ވިިއްސާރާގައި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފައެވެ. އެގޮތުން ޑިސެމްބަރ 17 ވަނަ ދުވަހު ކުރި ވިއްސާރައިގައި 3 ރަށަކުން ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެއީ ނ. ހެނބަދޫއައި ނ. ކެދިކޮޅުދޫ އަދި ޅ. ކުރެންދޫއިންނެވެ.
މީގެ ތެރެއިން ގޭގެއަށް ފެން ވަދެގެން ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވަނީ ނ. ހެނބަދޫއިންކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެ ރަށުން 80 ވަރަކަށް ގެއަށް ފެންދެގެން ރިޕޯޓްކޮށްފައިވާކަމަށާއި އެހެންނަމަވެސް މި ހާދިސާގައި އެއްވެސް ގެއަކުން މީހަކު ބަދަލުކުރަން ނުޖެހޭކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ނ. ހެނބަދޫއިން ފެންވަދެ ގެއްލުން ލިބުނުގެ ގެތަކުގެ ޑެމޭޖް އެސެސްމަންޓް ހެދުމަށްފަހު 27 ގެއެއްގެ ފޯމް އެ އޮތޯރިޓީއަށް ލިބިފައިވާކަމަށާއި އެ ފޯމްތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އަދި މާލެއިން އެސެސަމްންޓް ހެދި ގެތަކުގެ ފޯމްތައްވެސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވިދާޅުވެއެވެ.