ޚަބަރު

ގޯލްޑް ކަޕުގެ ފައިނަލަށް ނުކުންނަނީ ރަށް ހެއްވާލަން، އޭދަފުއްޓަށް ތަށި ގެންގޮސްދޭން: އިޝާން


ގޯލްޑްކަޕް 2024 ގެ ފައިނަލަށް ބ. އޭދަފުށި ނިކުންނާނީ މުޅި ރަށް ހެއްވާލަން ކަމަށާއި، މުބާރާތުގެ ތަށި ނެގޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އޭދަފުށީ ޓީމުގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) ބުނެފިއެވެ.

ސެމީފައިނަލްގައި 3-2 ން މާލެ ސިޓީ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރުމަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ސައްޓު ބުނީ މިއީ ސަޕޯޓަރުންގެ ހިތްވަރު ކަމަށާއި، ދިއްދޫ އާއި އެކު ކުޅުނު މެޗުގައި އޭދަފުއްޓަށް ކުރިޔަށް ދެވެން އޮތީ އިތުރަށް 4 ގޯލު ޖަހައިގެން ކަމަށާއި އެކަން ކާމިޔާބުވީ ސަޕޯޓަރުންގެ ސަބަބުން ކަމަށެވެ.

މާލެ ސިޓީ މެޗުގައި ހެދުނު ގޯސްތަކަށް އިޝާރާތް ކުރަމުން ސައްޓު ބުނީ ފުރަތަމަ ހާފުގައި 3 ލަންޑު ޖެހުމަށްފަހު ދެން އޭދަފުށީގެ ކުޅުން ދައްވިކަމަށާއި، މާލެ ސިޓީއަށް ދެ ގޯލު ކާމިޔާބު ކުރެވުނީ އެ ސަބަބާހުރެ ކަމަށެވެ.

އިޝާން ބުނީ، މުޅި ޓީމުގެ ނަމުގައި އޭދަފުށީގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރާ ކަމަށާއި ފައިނަލް މެޗުގައިވެސް ސަޕޯޓަރުންގެ އެ ހިތްވަރު ދައްކާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މުބާރާތް ކާމިޔާބުކޮށް ރަށަށް ތަށި ގެންދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ބެލުންތެރިންނަށް ދޭ ކަމަށް ސައްޓު ބުންޏެވެ.

އޭދަފުށީ ޓީމުގެ ކޯޗު އާފިއު މުހައްމަދު ބުނީ ފައިނަލް މެޗަކަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް އޭދަފުށިން ވާނެ ކަމަށާއި، ސަޕޯޓަރުން އިތުރުވުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ސަޕޯޓަރުން ނެތި ކުޅިވަރެއް ކުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.