ޚަބަރު

އޭދަފުއްޓަކީ ވަރުގަދަ ޓީމެއް، ފައިނަލަށް ނުކުންނާނީ އެކަމަށް ތައްޔާރުވެގެން: އައްޑޫ ކޯޗު


ފައިނަލަށް ނިކުންނައިރު އޭދަފުށީގައި ފަސްޓް ޑިވިޝަންގެ ކުޅުންތެރިން ގިނަކަމަށާއި، އެއީ ވަރުގަދަ ޓީމެއް ވިޔަސް ރަނގަޅަށް ތައްޔާރުވެގެން ނިކުތީމަ ކާމިޔާބުވާނެ ކަމަށް އައްޑޫ ސިޓީގެ ކޯޗު އަބުދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.

ސެމީ ފައިނަލްގައި 2-0 ގެ ނަތީޖާއަކުން އަލިފުށި ބަލިކުރުމަށްފަހު ޕީއެސްއެމް ސްޕޯޓްސް އާ ވާހަކަ ދައްކަމުން އައްޑޫ ސަޕޯޓަރުންގެ ހިތްވަރު ފާހަގަކޮށް ބެންޖޯ ބުނީ އިރާދުކުރެއްވިއްޔާ ސަޕޯޓަރުންނަށް މި ތަށި ނަގައިދޭނެ ކަމަށާއި، އައްޑޫ ސިޓީއަށް ތަށި ގެންދާނެ ކަމަށެވެ.

މީ ސީދާ އައްޑޫއިން، މުޅި ސީޓީން ޓީމެއް ނެރެގެން ކުޅޭ ފުރަތަމަ މުބާރާތް ކަމަށްވާއިރު މި ޓީމުގައި ފަސްޓް ޑިވިޝަނަށް ކުޅެވޭނެ ބައިވަރު ކުޅުންތެރިން އެބަތިބި ކަމަށްވެސް ކޯޗު ފާހަގަ ކުރިއެވެ.


އައްޑޫ ސިޓީ ޓީމުގެ ކެޕްޓަން ޝަމްވީލް ގާސިމް (ބޮންޑާ) ބުނީ އޭދަފުށީ ޓީމަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، ފައިނަލަށް ނިކުންނާނީ އެކަން ދަނެގެން ކަމަށެވެ.

އަދި މި މުބާރާތުގައި ފައިނަލާ ހަމައަށް އައްޑޫއަށް އާދެވުނު އިރު، މި ޓީމަކީ މުޅި އައްޑޫ އެއްކޮށް ތަމްސީލްވާ ގޮތަކަށް ނެގުނު ފުރަތަމަ ޓީމު ކަމަށާއި، މުބާރާތުގެ މިހާ ހިސާބަށް މިޓީމާއެކު އާދެވުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޝަމްވީލް ބުންޏެވެ.

އަދި ފައިނަލާއި ހަމައަށް އައުމުގައި ސަޕޯޓަރުންނަކީ މުހިންމު ބައެއްކަން ފާހަގަކޮށް އައްޑޫ ސިޓީ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށް ޝަމްވީލް ބުންޏެވެ. ޝަމްވީލަކީ މި މުބާރާތުގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ. އެހެންނަމަވެސް ކޮންމެ މެޗެއްގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ މޮޅު ކުޅުމެއް ދައްކައެވެ. އެހެންނަމަވެސް ސެމީ ފައިނަލަށް ނިކުތީ އެންމެ ރަނގަޅު ފޯމުގައި ނޫން ކަމަށާއި ފިޓްނަސް އެހާ ރަނގަޅު ނޫން ކަމަށް އޭނާ ބުންޏެވެ.