އުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލާ ޚިލާފުވާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަމުންގެންދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހެ ވުޒާރައިން ވަނީ ރާއްޖޭން މީހުން ޢުމްރާއަށް ގެންދާ ކުންފުނިތަކަށް އެކަމުގެ ހުއްދަ ހޯދުމަށް ކޮންމެ އިރެއްގައިވެސް އެދެވޭގޮތަށް އައު އުޞޫލެއް މިއަހަރުގެތެރޭގައި އެކުލަވާލާފައެވެ.
ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލު ކުރުމަށް ގެޒެޓްކޮށްފައިވާ އުޞޫލުތަކާއި، ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ޚިލާފްވާ ފަރާތްތަކަށް ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކަށް ޤަވާޢިދުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށެވެ. މިގޮތުން މިފަހަރު އުޞޫލުގެ 19 ވަނަ މާއްދާއަށް ޢަމަލުކޮށްފައި ނުވާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެކަމަށާއި އޭގެތެރޭގައި ހުއްދަ ބާޠިލުކުރުން ކުރުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވަނީ އުމްރާވެރިންގެ ޙައްޤުތައް ހިމާޔަތްކުރަން ޖެހޭ ކަންކަން އެ ވުޒާރާއިން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އުމްރާއަށް މީހުން ގެންދިޔުމުގައި އެކި ފަރާތްތަކުން މަކަރާއި ޙީލަތްހަދާ މައްސަލަތައް މީގެކުރިން ފެންމަތިވެފައިވެއެވެ. މިގޮތުން އިތުރަށް ފައިސާނެގުމުގެ މައްސަލަތަކާއި ޢުމްރާގެ އަޅުކަން އަދާކުރުމަށްގޮސް އެނބުރި ރާއްޖެ އައުމަށްވެސް ދަތިތަކާ ކުރިމަތިލާންޖެހިފައި އެބަހުއްޓެވެ.
އުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލްގައިވާގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަދީފައިވާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ވެއްޖެނަމަ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު 1،000 ރުފިޔާއާއި 1،00،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ލިބެއެވެ. އަދި ޢުމްރާއަށް ގެންދިޔުމުގެ ހުއްދަ ނެތި އެއްވެސް ޢަމަލެއް ކޮށްފިނަމަ އެ ކުންފުންޏެއް 1،00،000 އާއި 5،00،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން ހުއްދަ ބާޠިލުކުރުމާއި ހިފެހެއްޓުމުގެ އިތުރަށް މައްސަލައިގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެ މައްސަލައަކީ ޖިނާއީ މައްސަލައެއް ނަމަ މައްސަލަ ތަޙުޤީޤުކޮށް ޝަރީޢަތަށް ފޮނުވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވައެވެ. އަދި އެއީ މަދަނީ މައްސަލައެއް ނަމަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް އުޞޫލްގައިވެއެވެ.
ޢުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 50 އަށްވުރެ ގިނަ ކުންފުންޏަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުއްދަ ދޫކޮށްފައެވެ. ފަހަކަށް އައިސް ރާއްޖޭގައި އެކި ދުވަސްވަރު ޢުމްރާއަށް ދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް ސްކޫލް ބަންދާއި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ ބަޔަކު އުމްރާއަށް ދާކަން ފާހަގަކުރެވެއެވެ. މިގޮތުން މި ޑިސެންބަރު މަހުވެސް ރާއްޖެއިން 5،000 އަށްވުރެ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށްދެއެވެ.