އިޓަލީގެ ސެރިއާ ގައި ރޭ ކޯމޯ އާއި ދެކޮޅަށް އިންޓަރ މިލާން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ކާމިޔާބުކޮށްފި އެވެ.
މި މެޗުން އިންޓަރ މިލާން މޮޅުވިއިރު އެ ޓީމަށްވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 37 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އެޓްލާންޓާ އަށް އެއް މެޗު އިތުރަށް ކުޅެގެން 17 މެޗުން ލިބިފައިވަނޯ 40 ޕޮއިންޓެވެ. އަދި ދެވަނައިގައި އޮތް ނަޕޮލީ އަށް އަށްވެސް 17 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.
އިންޓަރ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އިންޓަރ މިލާނުން ވަނީ ކޯމޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އިންޓަރ މިލާނުގެ ކާލޯސް އޮގަސްޓޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
އިންޓަރ މިލާނުން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކަސް ތުރާމް އެވެ. މިއީ ލީގުގައި އޭނާ ކުޅުނު 16 މެޗުގައި ޖެހި 11 ވަނަ ލަނޑެވެ.
ސެރިއާގައި ރޭ އުދިނޭސީ އާއި ދެކޮޅަށް ފިއޮރެންޓީނާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އުދިނޭސީ އެވެ.