ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ ބުނެފިއެވެ. އެޕާޓީން މިހެން ބުނެފައިމިވަނީ ރޭ ބޭއްވި އެޕާޓީގެ ޖަލްސާއެއްގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނިހާދު ދެއްކެވި ވާހަކައާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައެވެ.
ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން ދެކޭގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމުޢިއްޔާއަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ދިވެހި އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެކަމަށެވެ. އަދި ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތައް ހަރަކާތްތެރިވާނީ ޤާނޫނު ހުއްދަކުރާ އިމުގެ ތެރޭގައިކަމަށާއި، އެ އިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެކަމަމެދު ޝައްކުނުކުރާކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ.
ޕީއެންސީން ވަނީ ފަތުރުވެރިންނަށް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަން ޔަޤީން ކުރާކަމަށް ބުނެފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓުތައް ރައްކާތެރިކޮށްދިނުމުގައި ދިވެހި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ އިތުބާރު އެބައޮތްކަމަށްވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީގެ ބަޔާނުގައި ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުންވެސް ފަތުރުވެރިކަމަށް އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރަތަށް އުނިކަން އަތުވެދާނެ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ނިހާދު ދެއްކެވިި ވާހަކަތަކާއި ގުޅިގެން އޭނާ ވަނީ މަޤާމުން ސަސްޕެންޑުކޮށްފައެވެ.