ޚަބަރު

ގޯލްޑް ކަޕުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައި، ޗެމްޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޓްރޮފީ ހަވާލުކޮށްދެއްވައިފި


  • އައްޑޫ ސިޓީ ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދީ 0-2ގެ ނަތީޖާއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނައިންޓީ ޕްލަސް ގޯލްޑްކަޕް 2024 ގެ ފައިނަލްމެޗް ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވައިފިއެވެ.

އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ ފޯރިގަދަ ފައިނަލް މެޗު 2-0 ން ކާމިޔާބުކުރި އޭދަފުށީ ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވުމަށް ރައީސް ގަލޮޅު ދަނޑަށް ވަޑައިގެންނެވިއިރު މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް ވަން މެޗެވެ. މި މެޗަށް ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ އިސްވެރިންވެސް ވަޑައިގެންނެވިއެވެ.

މިރޭ ފެނިގެން ދިޔަ ފޯރިގަދަ ގޭމުގައި އޭދަފުށިން ވަނީ ދެ ހާފުގައި ވަރަށް ބޮޑަށް މެޗު ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅެފައެވެ. އަދި ދަނޑަށް ވަދެތިބި 1200 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި އޭދަފުށި ހެއްވާލަދިން ފުރަތަމަ ގޯލް ކާމިޔާބު ކުރީ މެޗުގެ 39 ވަނަ މިނިޓްގައި ޖޯޒީ ނަމްބަރު 10 ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރަކުން ޖޯޒީ ނަމްބަރު 11 މުހައްމަދު ފާސިރު ބޮލުން ޖަހާ ގޯލުގެ ކަނަށް ފޮނުވާލި ހިތްގައިމު ގޯލަކުންނެވެ.

އޭދަފުށިން ދެ ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 90 ވަނަ މިނިޓްގައި ޖާޒީ ނަމްބަރު 50 އަލީ ފާސިރް (ސެންޓޭ) ވަރަށް ހުސްކޮށް ގޮސް އޭރިއާތެރެއަށް ވަދެ ގޯލުގެތެރެއަށް ފޮނުވާލި ބޯޅައަކުންނެވެ.

ދެޓީމުގެ ކުޅުންތެރިންވެސް މޮޅު ކުޅުމެއް ދެއްކި މި މެޗުގެ ދެވަނަ ހާފުގައި އައްޑޫ ސިޓީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް މުބާރާތުގެ އެންމެ މޮޅޫ ގޯލްކީޕަރުކަން ހޯދި އޭދަފުށީގެ ކީޕަރު ޒީއަޒަން ވަނީ ވަރަށް ހުށިޔާރުކަމާއެކު އައްޑޫގެ ހުރިހާ ހަމަލާއެއްވެސް ދިފާއުކޮށްފައެވެ. މިއީ ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑު ފުރާލަން ސަޕޯޓަރުން ވަން ފުޓްބޯޅަ މެޗެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މި ސަރުކާރުން ވަނީ އަލުން ފުޓްބޯޅާ ދިރުވާ އާލާކުރުމަށް 90 ޕްލަސްއިން އިސްނަގައިގެން ބޭއްވި ގޯލްޑްކަޕް ބޭއްވުމަށް އެހީތެރިވެދެއްވާ ވަރަށް ބޮޑަށް ތަރްހީބު ދެއްވާފައެވެ.

އަމިއްލަ ފަރާތަކުން އިސްނަގައިގެން ބޭއްވި މުބާރާތެއްނަމަވެސް މި މުބާރާތް މި ފޯމެޓަށް ކުރިޔަށް ގެންދެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ 90 ޕްލަސް އަށް ސަރުކާރު ކުރެއްވި އިތުބާރާއި ރައީސް ދެއްވި ސަޕޯޓަށް ނައިންޓީ ޕްލަސްގެ ފަރާތުންވެސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ނިމިގެން މިދިޔަ ފޯރި ގަދަ ފުޓްބޯޅަ މުބާރާތަކީ ފުޓްބޯޅައި ވަޅޫޖަހާފައި އޮންނަތާ އަހަރުތަކެއްވީފަހުން އަލުން ފުޓްބޯޅަ ދިރުވާ އާލާކޮށްދިން މުބާރާތެކެވެ. އަދި އަލުން ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ އަމާޒު ހާސިލްކޮށް ސަޕޯޓަރުންނާއި ކުޅުންތެރިން އަލުން ގުޅުވާލަދިން މުހިންމު މުބާރާތެކެވެ.

މިއީ މުބާރާތުގެ ސަބަބުން ކުޅިވަރު ރޫހު އަލުން އާލާވެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެގެން ހިނގައްޖެ ކަމަށް ފުޓްބޯޅައަށް ލޯބިކުރާ ރަށްރަށުގެ ސަޕޯޓަރުންވެސް ގަބޫލުކުރާ ފެންވަރުގެ މުބާރާތެކެވެ.