ޒަމާނުއްސުރެ މުޅި ރާއްޖޭގެ ކުދި ބޮޑު އެންމެންގެ ލޭ ކައްކުވާލާ ކުޅިވަރަކީ ފުޓްބޯޅައެވެ. ގަލޮޅު ދަނޑާއި ގުޅިފައިވާ މާޒީއަކީ ދިވެހި ސަޕޯޓަރުންގެ ކުޅިބެލުމުގެ ފޯރިއެވެ. ޒަމާންވީ އެ ދަނޑުގެ ސިޑިބަރި އާއި ގޮނޑިތައް ފުރި ބަންޑުންދާވަރަށް ދިވެހި ސަޕޯޓަރުން ވަދެ އުޅުނު އެ ދަނޑު މި ފަހަކުން އޮތީ ދިރުމެއް ނެތް ފަޅުތަނެއްގެ ގޮތުގައެވެ. ބޮޑުހަރަދުކޮށްގެން ހިންގަމުން އައި ކުލަބުތަށް ވާދަކުރި ދިވެހި ޕްރިމިއަރ ލީގު ފަދަ ބޮޑެތި މުބާރާތްތައް ބެލުންތެރިންނާ ނުލައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެކަނި ތިބެ، ކުޅުނު ހަނދާންވެސް އަދި ފިލާހާ ދުވަހެއް ނުވެއެވެ. ދިވެހި ފުޓްބޯޅައަށް އަޅާލާނެ ބަޔަކު ނެތި ފުޓްބޯޅައިގެ ދިރުން ގެއްލި ވަޅު ޖެހީއެވެ.
އެހެންނަމަވެސް އަލުން ދަނޑަށް ސަޕޯޓަރުން ވެއްދުމަށް މި ސަރުކާރާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން އެކި ގޮތްގޮތަށް މަޝްވަރާތައް ކުރަމުން ދިޔައެވެ. ކުޅިވަރަށް ލޯބިކުރާ އެންމެވެސް ބޭނުންވީ ގަލޮޅު ދަނޑަށް ދިރުން ގެނެސް އަލުން ފުރާލާށެވެ. ގޯލްޑް ކަޕް 2024 ގެ ޗެމްޕިއަންކަން ހޯދި ބ. އޭދަފުށީ ޓީމުގެ ކޯޗު އަދި އެހެން ޓީމުތަކުގެ ކޯޗުންވެސް ދެކޭ ގޮތުގައި ސަޕޯޓަރުންނާއި ނުލާ ކުޅިވަރެއް ކުޅުމުގެ ބޭނުމެއް ނެތެވެ. ދަނޑަށް ކުޅި ބަލާ މީހުން ނުވަންނަ ނަމަ ފޯރީގައި ކުޅޭނެ ކަމެއް ނެތެވެ. އަދި ކުޅުންތެރިންނަށް ފޯރި އާއި ޖޯޝު ގެނެސްދެނީވެސް ބެލުންތެރިންނެވެ.
އެކަން އަންގާރަ ދުވަހުގެ ރޭ ނިމިގެން އެ ދިޔަ ގޯލްޑް ކަޕުން ފެނިގެން ހިނގައްޖެއެވެ. ބ. އޭދަފުށީގެ ސަޕޯޓަރުނާއި އައްޑޫ ސީޓީގެ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅައިގެ ލޯބީގައި ދަނޑަށް ވަދެ ކުޅުންތެރިންނަށް ދިން ހިތްވަރަކީ ފުޓްބޯޅަ ދަނޑުން އެތަށް އަހަރަކަށް ފަހު ފެނިގެންދިޔަ އެއްމެ ހިތްގައިމު މަންޒަރެވެ.
ސަރުކާރުގެ އެއް ސިޔާސަތު ކަމުގައިވާ އަލުން ދަނޑަށް ކުޅި ބެލުން ވެއްދުމުގެ ސިޔާސަތު ކިތަންމެ ރަނގަޅަކަށްވެސް މި މުބާރާތުން ހާސިލުވެއްޖެއެވެ. މިއީ ރާއްޖޭގައި ފުޓްބޯޅައަށް އަޅާނުލާ ދޫކޮށްލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން ދިވެހި ސަޕޯޓަރުންނަށް އާ އުންމީދެއް ގެނެސްދީ ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލަން ލިބުނު ރަނުގެ ފުރުސަތެކެވެ. ސަރުކާރާއި ކުޅިވަރާއި ބެހޭ ވުޒާރާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އެެކު ނައިންޓީން ޕްލަސް އިން އިސްނަގައިގެން މަސް ދުވަހަށް ކުރިޔަށް ގެންދިޔަ މި މުބާރާތް ވެގެންދިޔައީ ކުޅިވަރުގެ ބޮޑު އީދަކަށެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ނައިންޓީ ޕްލަސްއިން ބޭއްވި ގޯލްޑް ކަޕުގެ އެންމެ ކާމިޔާބު ކަމަކީ މުބާރާތުން ޕްރޮމޯޓް ކުރި ޝިއާރު "އަލުން ދަނޑަށް" އުންމީދު ކުރިވަރަށް ހާސިލުވުމެވެ. ދަނޑުގެ ސިޑިބަރިއަށް ލިބިފައިވާ ގެއްލުމާއެކު ދަނޑުގެ ޖާގަ ކުޑަވި ނަމަވެސް ސަޕޯޓަރުންގެ ފަރާތުން މި ފެނުނީ މުޅިން އައު ޖޯޝެކެވެ. ޓިކެޓް ވިއްކާ ހުސްވެ ދަނޑު ފުރިގެން ދިޔައިރުވެސް ގިނަ ބަޔަކު ދަނޑަށް ވަންނާނެ ފުރުސަތު ނުލިބިގެން ހިތްހަމަ ނުޖެހުންވެސް ފާޅުކުރިއެވެ. އެކަމުންވެސް ދޭހަވީ ދިވެހިން ފުޓްބޯޅައަށް ދޭ ލޯތްބާ އަލުން ދަނޑަށް ދާން ބޭނުންވެފައިވާ މިންވަރެވެ.
ސަރުކާރު މުހިންމު ސިޔާސަތެއް ކަމަށްވާ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް ދަނޑަށް ކުޅިބަލާ މީހުން ވެއްދުމަށް ކުރި މަސައްކަތް ނައިންޓީ ޕްލަސްއިން ކާމިޔާބު ކޮށްދީފިއެވެ. ނައިންޓީ ޕްލަސްއިން މިކަމުގެ ކްރެޑިޓް ދެނީ ރަށްރަށުގެ ސަޕޯޓަރުންނަށެވެ. ރަށްރަށުގެ ސަޕޯޓަރުން ދަނޑަށް ގެންދިއުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ ޓީމުތަކުން ކަމަށާއި، ރަށްރަށުން މީހުން ގެނެސް މާލޭގައި ބައިތިއްބާ ޓިކެޓް ހޯދައިދިނީ ޓީމުތަކުން އިސްނަގައިގެންނެވެ.
90 ޕްލަސް ގޯލްޑް ކަޕުގެ ފައުންޑަރ، އަދި ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝާޒްލީ ވިދާޅުވީ މުބާރާތް ކާމިޔާބު ވެގެންދިޔަައީ ޓީމުތަކާއި ސަޕޯޓަރުން މުބާރާތް ކާމިޔާބު ކުރުމަށް ކުރި ހިތް ވަރުން ކަމަށެވެ. އަދި މި މުބާރާތް އެއްމެ ފުރިހަމައަށް ސަޕޯޓަރުންނާއި ހަމަޔަށް ގެނެސްދިނުމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ވެ ދެއްވި އެހީތެރިކަމަށް ޝާޒްލީ ވަނީ ހުރިހާ ރަށެއްގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.
ނައިންޓީ ޕްލަސްއިން އުންމީދު ކުރި ގޮތަށް ގަލޮޅު ދަނޑު ފައިނަލް މެޗަށް ފުރާލި އިރު ކުޅިވަރުގެ ރޫހާ ޖޯޝުގައި ސަޕޯޓަރުން ދެއްކި ހިތްވަރަށް އައްސަރި ބަހާއި ސާބަހެވެ. އެންމެ ވަގުތު ކޮޅަކަށްވެސް ބެރު ދުންމާރީގެ އަޑު ކަނޑުވާ ނުލާ އެއްވާނެއްގައި ސަޕޯޓަރުން ދަނޑުގެ ޖޯޝު ދެމެހެއްޓިއެވެ. މިއީ މި ފަހުގެ ތާރީހެއްގައި ރީތި ހިތްގައިމު އަދި އެހާމެ ފޯރި ގަދަ މެޗެއް ގަލޮޅު ދަނޑުން ބަލާލެވުނު ފުރަތަމަ ފަހަރެވެ.
ސަޕޯޓަރުންނަށް ބަލާއިރު އޭދަފުއްޓަކީ ނަމޫނާއެކެވެ. އޭދަފުށީ ބަތްޕެނާއި ބްރެޒިލް ދިދައިގެ ޖާދޫގައި ޓީމު ފައިނަލާއި ހަމައަށް ގެންގޮސްދީ ރަން ތަށި ނަގައިދިނީ ހަގީގަތުގައިވެސް ސަޕޯޓަރުންނެވެ. ތުއްތު ތުއްތު ކުދިންނާއި އެކުވެސް އެ އަޑު ގަދަ މާހައުލުގައި އޭދަފުށީގެ ސަޕޯޓަރުން ކޮންމެ މެޗެއްގައިވެސް ވަރަށް ފޯރި ނެގިއެވެ. އައްޑޫ ސަޕޯޓަރުންނަކީވެސް އެހާމެ ފޯރި އާއި ޖޯޝު ދިރުވައިދިން ސަޕޯޓަރުންނެވެ. އައްޑޫ ބަހުރުވައިން އައްޑޫގެ ސަޕޯޓަރުންނަށް އެވެރިން ދިން ސަޕޯޓުން ދަނޑަށް ފޯރި ގެނެސްދީ ފައިނަލާ ހަމައަށް ޓީމު ގެންގޮސްދިނީ އެއްވެސް ޓީމެއް އަތުން ބަލި ނުވެއެވެ.
އަލިފުއްޓަކީވެސް ހަމަ އެހާ ފޯރި ގަދަ ސަޕޯޓަރުންނެވެ. ދަނޑުގައި ފޯނުތަކުން ދިއްދާލި އަލިން އަލިފުށި ސެމީ ފައިނަލްގައި ވިދުވާލަދިން އެ ސަޕޯޓަރުން ކޮންމެ މެޗެއްގައިވެސް ޓީމަށް ވަރަށް ބޮޑަށް ހިތްވަރު ދިނެވެ. ސެމީއާއި ހަމައަށް އަލިފުށި ޓީމަށް އާދެވުމުގެ އެންމެ ބޮޑު ހިތްވަރަކީ އަލިފުށީގެ ސަޕޯޓަރުންނެވެ. ފުޓްބޯޅައިގައި މަޝްހޫރުކަން މީގެ ކުރިން ވެސް ހޯދާފައިވާ ކ. އަތޮޅުގެ ދެ ރަށް ކަމަށްވާ ކ. ގުރައިދޫ އާއި ކ. ހުރާގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ ވެސް ހިތްވަރާއި ޖޯޝެވެ.
ހަމަ އެގޮތަށް ނައިފަރު ސަޕޯޓަރުންވެސް ފާހަގަކޮށްލެވެ. ތަފާތު ރޫހެކެވެ. ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ކޮންމެ މެޗަކަށްވެސް ދަނޑަށް އައިސް ސަޕޯޓް ކުރިއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީއަކީ މުބާރާތުގެ ކުރީ ކޮޅު އެންމެ މޮޅުކޮށް ފެނުނު އެއް ޓީމެވެ. ކުއާޓާ ފައިނަލްގައި ބަދުނަސީބާ ކުރިމަތިވިނަމަވެސް ފުވައްމުލަކު ސަޕޯޓަރުންނަކީ އާދަޔާ ހިލާފު ޖޯޝެއް ގެނެސްދިން ބައެކެވެ. ދަނޑުގައި އެ ޓީމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދު ކޮންމެ މެޗެއްގައިވެސް މުޅިންހެން ފުރާލައެވެ. ސަޕޯޓަރުންގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭއިރު ފުވައްމުލަކަކީ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި އެއް ޓީމަށް ވާނެއެވެ. މީގެ އިތުރުން ދިއްދޫ އާއި ކުރެންދޫގެ ސަޕޯޓަރުންވެސް މި މުބާރާތަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދިނެވެ. މާލޭ ސިޓީގެ ސަޕޯޓަރުންނާއި ޖުމްލަކޮށް ބަލާއިރު ހުރިހާ ޓީމެއްގެ ސަޕޯޓަރުންވެސް މި މުބާރާތުން ސާބިތުކޮށްދިނީ ދިވެހި ފުޓްބޯޅައަށް އޮތް ލޯތްބާއި އަލުން ދަނޑަށް ދާން ބޭނުންވެފައި ތިބި މިންވަރެވެ.
ގޯލްޑް ކަޕް އިންތިޒާމް ކުރި ފަރާތަށް ސަޕޯޓަރުން ދިން މެސެޖަކީވެސް ދިވެހިން ތިބީ ގަލޮޅު ދަނޑަށް ވަންނަން އެދިއެދި ކަމެވެ. މުބާރާތެއް އޮންނަ ކޮންމެ ފަހަރެއްގައި ރަށްރަށުގެ ސަޕޯޓަރުން އަދިވެސް ގަލޮޅު ދަނޑު ފުރާލާނެ ކަމަށެވެ. ދެން އުންމީދަކީ އަންނަ އަހަރު ފުޓްބޯޅަ ސީޒަން ފެށިގެން އަންނައިރު އިހު އޮތް ލޯބި ސަޕޯޓަރުންގެ ފަރާތުން ގަލޮޅު ދަނޑުން ފެނިގެންދާނެ ކަމަށެވެ. އަދި އައު ސީޒަނަށް ދަނޑުން އަނެއްކާވެސް ބެލުންތެރިންގެ އަޑު ކެނޑިގެން ނުދާ ވަރުގެ މެޗުތައް ތަކުރާރުވެގެންދިއުމެވެ.
ގޯލްޑްކަޕާއި އެކު އަލުން ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ މުހިންމު މަސައްކަތް ފެށިގެންދިޔައިރު، ޝާޒްލީ ވަނީ އަންނަ އަހަރު ވެސް މި މުބާރާތް ކުރިޔަށްދާނެ ކަމުގެ އުފާވެރި ހަބަރު ދެއްވާފައެވެ. މުބާރާތް ކުރިޔަށް ގެންދިޔުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށާއި އެހެންކަމުން ސަޕޯޓަރުންގެ އުންމީދާއި ގުޅިފައިވާ މި މުބާރާތް މާ ފުރިހަމައަށް ފެނިގެންދާނެ ކަމަށާއި އަލުން ދަނޑަށް ސަޕޯޓަރުން ގެނެސް ގަލޮޅު ދަނޑަށް ދިރުން ގެނައުމަށް ފެށި މި މަސައްކަތް ހުއްޓުމެއް ނެތް ކަމަށް ޝާޒްލީ ވިދާޅުވިއެވެ.