ކުޅިވަރު

ފަސޭހަ މޮޅަކާއެކު ޖަރުމަނު ކުއާޓަރ ފައިނަލަށް


ފަސޭހަކަމާއެކު ސްލޮވާކިއާ ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއަޓަރ ފައިނަލުން ޖަރމަނީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި ސްލޮވާކިއާގެ މައްޗަށް ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ކުރިހޯދީ ތިންލަނޑު ސުންލަނޑުންނެވެ. 

މެޗްގެ ފުރަތަމަ ލަނޑު ވަރަށް ކުރީކޮޅު ޖަރުމަނަށް ކާމިޔާބުކޮށްދިނީ ބޯޓެންގްއެވެ. ފުރަތަމަ ހާފްގައި ޖަރުމަނުގެ ދެވަނަ ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އޮޒިލްއަށެވެ. މާރިއޯ ގޮމޭޒްއަށް ފައުލް ކުރުމުން ޖަރުމަނަށް ލިބުނު ޕެނަލްޓީ އޮޒިލް ފޮނޮވާލި ނަމަވެސް ކީޕަރ ވަނީ ޕެނަލްޓީ ދިފާޢުކޮށްފައެވެ. އޮޒިލްއަށް ކާމިޔާބު ނުކުރެވުނު ޕެނަލްޓީ ވެގެންދިޔައީ ޔޫރޯ ތާރީހުގައިވެސް ޖަރުމަނަށް ކާމިޔާބުކު ނުކުރެވުނު ފުރަތަމަ ޕެނަލްޓީއަށެވެ.

 ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަރުމަނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑްރެކްސްލާގެ އެހީތެރިކަމާއެކު މާރިއޯ ގޮމޭޒްއެވެ. ދެވަނަ ހާފްގައި ޖަރުމަނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑްރެކްސްލާއެވެ.

 މިމެޗުން މޮޅުވެ ކުއަޓަރ ފައިނަލުން ޖަރުމަނު ޖާގަ ހޯދިއިރު، ކުއަޓަރ ފައިނަލްގައި ޖަރުމަނު ވާދަކުރަން ޖެހޭނީ ސްޕެއިންއާއި އިޓަލީ ދެވަނަ ބުރުގައި ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.