އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން ސިޓީ އަށް ލިބިފައިވާ 28 ޕޮއިންޓާއެކު އެ ޓީމު އޮތީ ހަތްވަނައިގަ އެވެ. އެވަޓަން އަށް 17 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު އެ ޓީމު އޮތީ ފަނަރަ ވަނައިގަ އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު ގަޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި ބާނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން 9 މިނިޓަށް ވެފައިވަނިކޮށް އެވަޓަންގެ އެންޑިއާއޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ސިޓީއަށް ވަނީ ދެވަނަ ފަހަރަށް ލީޑު ނެގުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެވަޓަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެވީނިއޯއަށް މިކޮލެންކޯ ފައުލް ކުރުމާއި ގުޅިގެން ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް އާލިން ހާލަންޑް ފޮނުވާލި ޕެނަލްޓީ އެވަޓަންގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފަ އެވެ.