ޚަބަރު

ކޮރަޕްޝަނަށް ޖާގަދޭ ކޮންމެ މީހަކާ ޤާނޫނު އަރާ ހަމަކުރާނެ!


  • ކޮރަޕްޝަންގެ ޢަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދެއްވާފައި

  • ކޮރަޕްޝަންގެ މައްސަލަތައް ފަސޭހައިން ރިޕޯޓްކުރެވޭނެ ނިޒާމު ވަނީ ޤާއިމްކޮށްފައި

ޒަމާނުއްސުރެ ސަރުކާރާއި ދައުލަތުގައި އެކި ފެންވަރަށް ކޮރަޕްޝަން އަށަގަނެފައި ހުރުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވުމުގެ ޒިންމާއާ ހަވާލުވެގެން ތިބޭ ފަރާތްތަކުން އެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް އެކި ފަހަރުމަތިން ފެންމަތިވެއެވެ. ކޮރަޕްޝަނުގެ ވިހަ ދައުލަތާއި ސަރުކާރުގެ ތެރެއިން ނައްތާލުމަކީ އަދުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ.

ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނުގެ މައްސަލަތައް އެންމެ ބޮޑަށް ފެންމަތިވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. މި ސަރުކާރާހަމައަށް ދައުލަތުގެ ބައެއް ކުންފުނިތައް ވާރުތަވީއިރު އޮތީ، ކޮރަޕްޝަންގެ އެންމެ އަޑިއަށް މޫލާފައެވެ. އެހެންކަމުން ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކަށްވީ ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރި އަދި ދެފުށްފެންނަ ތަންތަނަށް އެކުންފުނިތައް ހެދުމެވެ. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް މިހާރު ދަނީ ކުރައްވަމުންނެވެ.


ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުންވެސް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ފަށާފައެވެ. ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާކަން ނުވަތަ އެފަދަ އަމަލެއް ކޮށްފާނެ ކަމަށް ބެލެވޭކަމެއް ކުންފުނީގެ މުވައްޒަފަކަށް ފާހަގަކުރެވޭނަމަ އެކަމެއް ވީހާވެސް އަވަހަކަށް ސީދާ މެނޭޖިން ޑިރެކްޓަރާ ހިއްސާކުރެވޭނެ ނިޒާމު ވަނީ ޤާއިމުކޮށްފައެވެ. އަދި އެފަދަ މައުލޫމާތު ހިއްސާކުރާ މުވައްޒަފުންނަށް ވިސުލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރާ ޤާނޫނުގެ ދަށުން ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަންވެސް ޕީއެސްއެމުން ވަނީ ދީފައެވެ.

ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގައިވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގާނަމަ ފަސޭހައިން ރިޕޯޓުކުރެވޭމެ ނިޒާމު ވަނީ ޤާއިމްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސްކަމެއް ސަރުކާރު ތެރެއިން ހިންގަން އެމަނިކުފާނު ބޭނުންފުޅުވެވަޑައި ނުގަންނަވާކަމަށާއި، އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއް އެމަނިކުފާނުގެ ސަރުކާރެއްގައި ނުދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ދާދިފަހުން ފެންމަތިވި ބިންވެރިޔާ ސްކީމުގެ ދަށުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަމުންދާކަމުގެ ތުހުމަތުތަކާއެކު ވަނީ އެ މައްސަލަތައް ބެއްލެވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ. އަދި ވަގުތުން އަޅުއްވަން ޖެހުނު ފިޔަވަޅުތައްވެސް އެމަނިކުފާނު ވަނީ އަޅުއްވާފައެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކޮރަޕްޝަނަށް ފިޔަވަޅު ނޭޅިނަމަވެސް އެމަނިކުފާނު އެފަދަ ކަންކަމަށް ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެކަމަށެވެ. އަދި ސަރުކާރުގެ މަޤާމުތަކަށް އެމަނިކުފާނު މީހުން އައްޔަނުކުރައްވަނީ، ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމަށް ނޫން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ވުޒާރާތަކަށް މީހުން އައްޔަނުކުރަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ޤަވާއިދާއި ޚިލާފުކަމެއް ކުރާކަށްވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. އެކަމަށް ހުރަސް އެޅޭގޮތަށް ނޫނީއްޔާ އެނޫންގޮތަކަށް ކަމެއްކުރާކަމަށް ޤަބޫލުކުރެވޭނަމަ އަޅުގަނޑު އެތަނުން، އެމީހަކު ދުރުކުރާނަން ނުވަތަ އެކަން ހުއްޓުވާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ކޮރަޕްޝަން ބަލައިނުގަންނާނެކަން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް އަންގަވާފައެވެ. އެފަދަ އެއްވެސް ޢަމަލެއް ހިންގައި ނުވަތަ އެފަދަ ކަމަކަށް މަގުފަހިކޮށްދިންކަން އެނގިވަޑައިގަންނަވާ ހިސާބުން ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެޗްޑީސީގެ އިތުރުން ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަނުގެ އިސްވެރިން ޚިޔާނާތްތެރިވުމުގެ މައްސަލަތަކެއްގެ ތަހުގީގުތައްވެސް ކުރިއަށް އެބަދެއެވެ. މީގެ ތެރެއިން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދާއި، އިތުރު އިސްވެރިއެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މީހާރުވަނީ ދައުވާ އުފުލާފައެވެ.

އާރުޑީސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުއާއި އޭރު ސީއެފްއޯގެ މަގާމުގައި ހުންނެވި ޔާސިރު ހަސަނަށް ނިސްބަތްވާ ބައެއް ތަންތަން ބަލައި އިލެކްޓްރޯނިކް ސާމާނުތަކެއް ވަނީ ގެންގޮސްފައެވެ.

މިނޫނަސް މީގެކުރިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ ހުރިހާކަމެއް ބަލައިއަވަސް ތަހްގީގެއް ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްވެސް ވަނީ އަންގަވާފައެވެ.

މިހުރިހާ ފިޔަވަޅުތަކަކުވެސްވެސް އެނގި ހާމަވަނީ މިސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމެވެ. ކޮޕަރްޝަނަށް މަގުފަހިވާކަމެއް ހިނގައިފިނަމަ ވަގުތުން ފިޔަވަޅުއަޅައި އެކަމެއް ހުއްޓުވާނެކަމެވެ. އަދި އެފަދަ ޢަމަލެއް ހިންގައިފި ކޮންމެ މީހަކާ ޤާނޫނު އަރާ ހަމަކުރާނެކަމެވެ.