އަންނަ އަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ބާއްވާނީ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ. މުޖުތަބާ މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މުޖުތަބާ ވިދާޅުވީ އަންނަ އަހަރު މުބާރާތް ބާއްވާއިރު މާލޭ ސަރަހައްދު އެއީ ވަކި ބައެއް ގޮތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސެންޓްރަލް އޭރިއާގައި ވަކިން އިންޓަރ ސްކޫލް މުބާރާތް ކުރިއަށްގެންދާއިރު، އުތުރާއި ދެކުނުގެ ސަރަހައްދަށްވެސް ވަކިން މުބާރާތް ބޭއްވިގެންދާނެ ކަމަށް މުޖުތަބާ ވަނީ ވިދާޅުވެފައެވެ.
މުބާރާތް އެގޮތަށް ގެންދިޔުމުގެ އެންމެ ބޮޑު ވިސްނުމަކީ ހުރިހާ ގޮތަކުންވެސް ލުއިފަސޭހަ ގޮތަކަށް ގެންދިޔުން ކަމަށް މުޖުތަބާ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ކަލަންޑަރު ތައްޔާރުކުރެވިގެންދާއިރު، މުބާރާތް ތާވަލުކުރާނީ އެ ބަދަލުތަކާއެކު ކަމަށްވެސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ އިންޓަރ ސްކޫލް މުބާރާތް އެ ހަތަރު ސަރަހައްދުގައި ހޯސްޓުކުރުމަށް ރަށްތަކަށް ހުޅުވާލާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހޯސްޓުކުރާ ފަރާތަކަށް މުބާރާތް ދޫކޮށްލާނީ. އަޅުގަނޑުމެންގެ ޓީމެއް އެ ރަށަކަށް ގޮސް, އެ އޭރިއާއަކުން މުބާރާތުގައި ބައިވެރިވާ ޓީމުތައް އެ ރަށަކަށް އައިސް ކުރިއަށްގެންދިޔުމުގެ ވިސްނުން އަޅުގަނޑުމެންގެ ހުރީ." މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވަނީ ރަށްރަށުގައި ހޭންޑްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ އިންޓަރ ސްކޫލް މުބާރާތް އަތޮޅުތެރޭގައި ބާއްވައިފި ކަމަށް ވާނަމަ، މިހާރަށް ވުރެ ފޯރިގަދަވެގެންދާނެ ކަމަށެވެ. އަދި އެ ބަދުލުގެ ފައިދާ ފެންނާނީ މުސްތަގުބަލުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"ރަށްރަށުގެ ސްކޫލްތަކާއި ކައުންސިލްތަކުން ދެއްވާ އެހީތަރިކަން އަދި އާންމު ރައްޔިތުން ވެދެއްވާ އެހީތެރިކަން. މިސާލަކަށް ބުނާކުމުގައި ވަންޏާ، މިފަހަރު ބައިވެރިވި ރ. އަތޮޅުން، ހއ. އިން ކުދިން ގޮވައިގެން މާލޭގައި ދެ ހަފުތާ ތިބުމަކީ އެހާ ފަސޭހަ ކަމެއް ނޫން." މުޖުތަބާ ވިދާޅުވިއެވެ.
މީގެ އިތުރުން މުޖުތަބާ ވިދާޅުވީ އެންމެ ބޮޑު ވިސްނުމަކީ ހޭންޑްބޯޅަ ޑީސެންޓްރަލައިޒް ކުރުން ކަމަށެވެ.