ޚަބަރު

ފިނޭންސް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައިފި


  • ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވީ މިދިޔަ ބުރާސްފަތިދުވަހު

މިދިޔަ ހަފްތާގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާއި ގުޅިގެން 2 މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުރާސްފަތިދުވަހު ދުވަހު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ގެންނެވި ބަދަލުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ދިވެހިބަހުން ކިޔާނޭ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާކަމަށެވެ. އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް، ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއެވެ.