ޚަބަރު

އެވަޓަން ބަލިކޮށް ނޮޓިންހަމް ދެވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ދެވަނަ މަގާމު ނޮޓިންހަމް ފޮރެސްޓުން ހޯދައިފިއެވެ.

ނޮޓިންހަމް އިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން 37 ޕޮއިންޓް ހޯދާފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 45 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް އާސެނަލް އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 36 ޕޮއިންޓެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ނޮޓިންހަމްގެ ކްރިސް ވުޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.

އަދި މެޗުގެ 61 ވަނަ މިނިޓުގައި ނޮޓިންހަމްގެ ދެވަނަ ލަނޑު ގިބްސް ވައިޓް ކާމިޔާބު ކޮށްފައިވަނީވެސް ކްރިސް ވުޑް ދީފައިވާ ޕާހަކުންނެވެ.

ނޫނޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ނޮޓިންހަމް ފޮރެސްޓް އިން މި ސީޒަނުގައި ރަގަޅު ނަތީޖާތަކެއް ހޯދަމުންދާއިރު އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެފަ އެވެ.