އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ފިއޮރެންޓީނާ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
މި މެޗު އެއްވަރުވެފައިވާއިރު ޔުވެންޓަސް އިން ލީގުގައި މިހާތަނަށް ކުޅެފައިވާ 18 މެޗުން 32 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ ލިބިފައިވާއިރު 17 މެޗުން ފިއޮރެންޓީނާ އަށްވެސް ވަނީ 32 ޕޮއިންޓު ލިބިފަ އެވެ. އަދި ފަސްވަނަ މަގާމުގައި ފިއޮރެންޓީނާ އޮތީ ފައިދާ އެއް ގޯލުގެ ތަފާތުންނެވެ.
ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 20 ވަނަ މިނިޓުގައި ފްރާންސްގެ ކުރީގެ ޑިފެންޑަރ ލިލިއަމް ތުރާމުގެ ދަރިފުޅު, ކެފްރެން ތުރާމް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 18 މިނިޓު ފަހުން ފިއޮރެންޓީނާގެ މޮއިސް ކީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ތުރާމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ޔުވެންޓަސް އަށް ކުރި ހޯދަދީފަ އެވެ.
ފިއޮރެންޓީނާ އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ރިކާޑޯ ސޮޓީލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗު އެއްވަރުވުމާއެކު ތިއާގޯ މޯޓާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޔުވެންޓަސްއިން ވަނީ ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އަންނަ ރެކޯޑް 26 އަށް އަރުވާފަ އެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ 18 މެޗުގެ ތެރެއިން 11 މެޗުން އެޓީމު ވަނީ އެއްވަރުވެފަ އެވެ.