މެންޗެސްޓާ ސިޓީއަށް ޕެޕް ގަޑިއޯލާ ކޯޗުކޮށްދިން 500 ވަނަ މެޗުން އެ ޓީމު މޮޅުވެއްޖެއެވެ. އެގޮތުން ފޯމު ގެއްލިފައިވާ ސިޓީން ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މިއީ ލީގުގައި ސިޓީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ދެވަނަ މެޗެވެ. މި މެޗުން މޮޅުވުމާއެކު ސިޓީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ އަށް އަރާފަ އެވެ. ލެސްޓަރ ސިޓީ އަށް ލިބިފައިވާ 14 ޕޮއިންޓާއެކު އެ ޓީމު އޮތީ 18 ވަނައިގަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އަދި ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ސިޓީ އާއި އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ލެސްޓަރ ސިޓީގެ ކިންގް ޕަވާރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 21 ވަނަ މިނިޓުގައި ސިޓީގެ ސަވީނިއޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ލެސްޓަރ ސިޓީ ކުޅުނު ފުރަތަމަ މެޗުތަކުގައި ރަގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އަދި މި މެޗުގައި ލެސްޓަރ ސިޓީގެ ޖެމީ ވާޑީ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އޭނާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ސިޓީގެ ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ.
މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ޖެހި ދެވަނަ ލަނޑު މެޗުގެ 74 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އާލިން ހާލަންޑް އެވެ.