އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި ލިވަޕޫލްއިން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ލިވަޕޫލްއިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ 18 މެޗުން 45 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 19 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އަދި އާސެނަލް އަށް 36 ޕޮއިންޓާއެކު ތިންވަނަ ލިބިފައިވާއިރު ޗެލްސީ އޮތީ 35 ޕޮއިންޓާއެކު ހަތަރުވަނައިގަ އެވެ.
ވެސްޓްހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 30 ވަނަ މިނިޓުގައި ލުއިޒް ޑިއާޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ދިހަ މިނިޓު ފަހުން ކޯޑީ ގެކްޕޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މިދިޔަ ހަފްތާގައި 6-3 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ ބަލިކުރުމަށްފަހު މި މެޗުގައި ފަސް ލަނޑު ލިވަޕޫލް އިން ޖަހާފައިވާއިރު ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މި ފަހަރުގެ ޗެމްޕިއަންކަން ހޯދުން އެންމެ ކައިރި ޓީމަކީ ލިވަޕޫލް އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީ އެލެކްޒެންޑަރ އާނޯލްޑް ވަނީ އިތުރު ލަނޑެއް ލިވަޕޫލް އަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ޑިއެގޯ ޖޮޓާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.