2025 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހަވާ އެރުވުމުގެ ކުލަ ގަދަ ހަރަކާތްތަކަކާއެކު "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް" ފަށައިފިއެވެ.
މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ އިސްނަގައިގެން، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް އަދި އަމިއްލަ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހުޅުމާލެ ސެންޓަރެލް ޕާކުގައި ކުރިއަށްދާ މި ފެސްޓިވަލް ފެށުމަށް ބޭއްވި ޝޯވ ބަލާލުމަށް އާއްމުންގެ ގިނަ ބަޔަކު ޖަމާވިއެވެ.
މި ހަރަކާތްތައް ބައްލަވާލެއްވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަހުމަދު ފައިސަލްއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިޢުރީވެސް ވަޑައިގެންނެވިއެވެ.
އާ އަހަރު ފާހަގަކުރުމަށް އެހެން އަހަރުތަކުގައި ބާއްވާ ހަރަކާތްތަކެކޭ އެއްގޮތަށް މި އަހަރުގެ ޝޯވއަށްވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، ޕީއެސްއެމް ނިއުސްއާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވަނީ މިފަދަ ޝޯވއެއް ބާއްވާތީ ހިތްހަމަޖެހުން ފާޅުކޮށްފައިވެއެވެ.
"ވަރަށް ހިނގައިމު ޝޯވއެއް ވަރަށް އުފާވެއްޖެ މި ކަހަލަ ހަރަކާތް ކުރިއަށް ގެންދާތީ" އާންމުންގެ ތެރެއިން މީހަކު ބުންޏެއެވެ.
މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްދިޔަ ޑްރޯން ޝޯވގައި ރާއްޖޭގެ ސަޤާފަތާއި ރީތިކަން ދައްކުވައިދީފައިވެއެވެ. އަދި ބޮޑުބެރުގެ ހުށަހެޅުންތަކާއި، ދަފި ނެގުން ފަދަ ޝައުގުވެރި ސަގާފީ ހަރަކާތްތައްވެސް މި ފެސްޓިވަލުގައި ކުރިއަށްދިޔައެވެ. މީގެއިތުރުން އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން، ދަންވަރު 12:00 ޖެހުމާއެކު ވަނީ ހަވާ އަރުވާފައެވެ.
ދެދުވަހުގެ މުއްދަތައް ކުރިއަތްގެންދާ " މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް"ގެ ހަރަކާތް މާދަމާ ކުރިއަށްދާނީ ހަވީރު 04:00 އިން 10:00އަށެވެ. ތުއްތު ކުދިންނަށް ޚާއްސަ އާއިލީ ހަވީރެއްވެސް މާދަމާ އޮންނާނެއެވެ. އަދި ކާބޯތަކެއްޗާއި އާޓްސް އެންޑް ކްރާފްޓްސް ސްޓޯލްތައްވެސް މި ފެސްޓިވަލުގައި ހުންނާނެއެވެ.
އައު އަހަރާ ދިމާކޮށް އަބަދުވެސް މާލެއާއި އަތޮޅުތެރޭގައި ތަފާތު ހަރަކާތްތައް ކުރިޔަށްގެންދެއެވެ. މި ފަހަރުގެ ހަރަކާތުގައި ރާއްޖެއިން މިއަހަރު ހޯދި ކާމިޔާބީތައް ފާހަގަކުރުމާއި، ރާއްޖޭގެ ސަގާފީ ތަރިކަ ޕްރޮމޯޓްކުރާނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. މިއީ ދިވެހިންނާއި ފަތުރުވެރިންނަށް އާ ތަޖުރިބާއެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެއްކަން އެ ކުންފުނިން ފާހަގަކުރައްވައެވެ.