ޚަބަރު

އައު ސީޒަން ސަބަލެންކާ ފެށީ މޮޅަކުން


ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެރީނާ ސަބަލެންކާ އައު ސީޒަންގެ ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ބެލަރޫސް އަށް އުފަން ސަބަލެންކާ ވަނީ އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޑަބްލިއު ޓީ އޭ ބްރިސްބޭން އިންޓަރނޭޝަނަލް މުބާރާތުގައި ރެނާޓާ ޒަރަޒުއާ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ސަބަލެންކާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ސުމެއްގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނެފައިވަނީ މުބާރާތެއްގެ ފުރަތަމަ މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް ކަމަށާއި ނަމަވެސް މި މެޗު ކާމިޔާބު ކުރެވުމުން އެކަމާ ހިތްހަމަޖެހޭ ކަމަށެވެ.

މި މުބާރާތުގެ އިތުރުން ސަބަލެންކާގެ އެންމެ ބޮޑު ފޯކަސްއެއް ހުރީ މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން މުބާރާތް ތިންވަނަ ފަހަރަށް ކާމިޔާބު ކުރުމެވެ.

މި މުބާރާތުގައި ހަތަރުވަނައަށް ސީޑުކޮށްފައިވާ ޕައުލާ ބެޑޯސާ އާއި ދެކޮޅަށް އަރުމީނިއާގެ އެލީނާ އަވަނޭސްޔަން ކުޅުނު މެޗު ދެ ސެޓު އެއް ސެޓުން އެލީނާ ވަނީ ކާމިޔާބުކޮށް ބެޑޯސާގެ މައްޗަށް ކުރި ހޯދާފަ އެވެ.