ޚަބަރު

އާނޯލްޑް ވިއްކެން ނެތް ކަމަށް ލިވަޕޫލްއިން ބުނެފި


މި ފެށުނު ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ޑިފެންޑަރު ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ވިއްކާލެވެން ނެތް ކަމަށް ލިވަޕޫލްއިން ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް އަންގައިފިއެވެ.

އިނގިރޭސި ޑިފެންޑަރ ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާގެ އެއްބަސްވުން އައު ކުރުމަށް ލިވަޕޫލް އިން ހުށައަޅާފައިވާ ޕްރޮޕޯސަލަށް އާނޯލްޑް ވަނީ ދެކޮޅުހަދާފަ އެވެ. އަދި މިއަދުން ފެށިގެން އޭނާއަށް އިނގިރޭސި ކްލަބްތައް ފިޔަވާ އެހެން ފަރާތްތަކާއިއެކު މަޝްވަރާ ކުރެވޭނެ އެވެ.

މި ސީޒަނުގެ ނިޔަލަށް އެގްރިމެންޓްގެ މުއްދަތު ހަމަވާއިރު, ރެއާލް މެޑްރިޑަށް މިހާރު ކުރިމަތިވެފައިވާއ އަނިޔާގެ މައްސަލަ އާއިހުރެ އެ ކްލަބުން ބޭނުންވަނީ ޖެނުއަރީ ޓްރާންސްފާގައި އޭނާ ހޯދުމަށެވެ.

އާނޯލްޑް އާއިއެކު ލިވަޕޫލް އަށް އަދި އެއްބަސްވުމަކަށް އާދެވިފައިނުވި ނަމަވެސް އެ ކްލަބުން މަސައްކަތް ކުރަނީ އޭނާއާއިއެކު އިތުރު މަޝްވަރާތައް ކޮށް އެގްރިމެންޓް އައު ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އާނޯލްޑް ވަނީ އޭނާ ރެއާލް މެޑްރިޑާއި ގުޅެން ބޭނުންވާކަން ލިވަޕޫލްއަށް އަންގާފަ އެވެ. ނަމަވެސް އެކަން ލިވަޕޫލް އިން ވަނީ ދޮގުކޮށްފަ އެވެ.

ލިވަޕޫލް އަށް މިހާތަނަށް ކުޅުނު 333 މެޗުގައި އޭނާ ވަނީ 20 ގޯލު ޖަހައި 85 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.