އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް މި ސީޒަނުގައި ލިބެމުންދާ ދަށް ނަތީޖާތަކުގެ ޒިންމާ ނަގަން ޖެހޭނީ އަމިއްލައަށް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މެންޗެސްޓަރ ސިޓީން ލީގުގައި މިހާތަނަށް ކުޅެފައިވާ 19 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައި އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު 14 ޕޮއިންޓުގެ ފަރަގަކާއެކުގަ އެވެ.
މެންޗެސްޓަރ ސިޓީން މިދިޔަ އާދީއްތަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ. އަދި މިއީ ކާމިޔާބު ކޯޗު, ޕެޕް ގާޑިއޯލާ މުޅި ކޯޗިން ހަޔާތުގައިވެސް ލިބިފައިވާ އެންމެ ދަށް ނަތީޖާތަކެވެ.
ޕްރިމިއާ ލީގުގައި ވެސްޓް ހޭމްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައިވަނީ ކޯޗެއްގެ ގޮތުގައި ހުންނައިރު ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ނަމަވެސް އޭގެ ތެރެއިން ގިނަ މެޗުތަކަކުން ޓީމު ބަލިވާނަމަ ކުޅުންތެރިންގެ އިތުބާރު ހޯދައި، ދަނޑު މަތީގައި ކުޅުންތެރިންގެ އަސްލު ކުޅުން ދެއްކޭނެ ގޮތެއް ހޯދުމަކީ ކޯޗުގެ ޒިންމާއެއް ކަމަށާއި، އޭނާއަށް އެކަން ނުކުރެވޭކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.
"މިހާރު ޓީމު އޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ އަހަރެން. އެއީ ކުޅުންތެރިން ނަގަންޖެހޭ ޒިންމާއެއް ނޫން. ދަނޑު މަތީގައި ކުޅުންތެރިންނަށް އިތުބާރު ހޯދަދީ އެ ކުޅުންތެރިންގެ މެކްސިމަމް ނެރުމަކީ ކޯޗެއްގެ ގޮތުގައިހުރެ އަހަރެން ކުރަން ޖެހޭނެ ކަމެއް. އެކަން އަދި އަހަރެންނަށް ނުވޭ.ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ގާޑިއޯލާ އިތުރަށް ބުނެފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ނިޔަލަށް އެ ޓީމަކީ ޔޫރަޕްގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު ކަމަށާއި ނަމަވެސް މުހިންމު ކުޅުންތެރިންތަކަކަށް ލިބުނު އަނިޔާގެ ސަބަބުން ކުއްލިއަކަށް ޓީމު އެހެން ހާލަތަކަށް ވެއްޓިފައިވާ ކަމަށެވެ.