ޚަބަރު

ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް


ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ މަގާމު ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއެކު އެ ޓީމު ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ލިބުނު 43 ޕޮއިންޓާއެކު އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 41 ޕޮއިންޓެވެ. އަދި ވާދަވެރި ބާސެލޯނާ އޮތީ 19 މެޗުން 38 ޕޮއިންޓާއެކު ތިންވަނައިގައެވެ. ވެލެންސިއާއަށް 18 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގައެވެ.

ވެލެންސިއާގެ މަސްޓެއްލާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 27 ވަނަ މިނިޓުގައި ހޫގޯ ޑޫރޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. މިއީ ވެލެންސިއާގެ ކޯޗު ކަމާއި އަލަށް ހަވާލުވި ކާލޯސް ކޮބެރަންގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އެމްބާޕޭއަށް ކުރި ފައުލަކާއި ގުޅިގެން ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޖޫޑް ބެލިންހަމް ފޮނުވާލި ޕެނަލްޓީ އަމާޒުވެފައިވަނީ ގޯލުގެ ދަނޑި އަށެވެ.

މި މެޗުގެ 79 ވަނަ މިނިޓުގައި ވެލެންސިއާގެ ކީޕަރަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ ރެއާލްގެ ވިނީޝިއުސް ޖޫނިއާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ރެއާލް މެޑްރިޑަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ 85 ވަނަ މިނިޓުގައި ކާމިޔާބުކޮށްދީފައިވަނީ ލޫކާ މޮޑްރިޗް އެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާގެ ޑިފެންޑަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބެލިންހަމް ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުން ރެއާލް މެޑްރިޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މެޗަކީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ދެވަނަ ދުވަހު ކުޅެން އޮތް މެޗެއް ނަމަވެސް މެޗު ލަސްކޮށްފައިވަނީ ސްޕެއިންއަށް އެ ދުވަސްވަރު ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ.