ޚަބަރު

ޔުނައިޓެޑުން އެއްވަނައިގައި އޮތް ލިވަޕޫލް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މި މެޗުން ޔުނައިޓެޑަށް ލިބުނު ޕޮއިންޓާއެކު އެ ޓީމު އޮތީ 23 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 46 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލް އިތުރަށް އެއް މެޗު ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 40 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް މި މެޗުގައި ޔުނައިޓެޑް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޔުނައިޓެޑްގެ ލިސަންދްރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ލިވަޕޫލްގެ ކޯޑީ ގެކްޕޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ލިވަޕޫލް އިން މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާ އެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 175 ވަނަ ލަނޑެވެ. އަދި އާސެނަލްގެ ލެޖެންޑު ތިއެރީ އޮންރޯވެސް ލީގުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ 175 ލަނޑެވެ.

މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުން ޕޮއިންޓެއް ހޯދާފައިވަނީ މެޗުގެ 80 ވަނަ މިނިޓުގައި އަމަދް ދިއާލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ ވަނީ މެންޗެސްޓަރ ސިޓީ އަތުން ޔުނައިޓެޑް މޮޅުވި މެޗުގައިވެސް މުހިންމު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ފަހު ވަގުތުގައި ޔުނައިޓެޑަށް މެޗުން މޮޅުވާން ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭރިޔާ ތެރޭގައި ހުހަށް ހުރެ ހެރީ މެގުއާ ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.