ޚަބަރު

ވައިޑް-ބޮޑީގެ ފުރަތަމަ ދަތުރު މިމަހުގެ 21 ގައި ޗެންޑޫއަށް


  • ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައީ އިއްޔެ

  • މިއީ 264 މީހުންގެ ޖާގައިގެ ބޯޓެއް

މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ދަތުރުކުރާނީ ޗައިނާގެ ޗެންޑޫއަށްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މޯލްޑިވިއަންގެ ޚިދުމަތަށް މުޅިން އަލަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައީ އިއްޔެއެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެ ގެނެސް ދަތުރުތައް ފެށުމަށް މިހާރު މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ޝެޑިއުލް ފްލައިޓްތައް މިމަހުގެ 21 ވަނަ ދުވަހު ޗެންޑޫއަށް ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ފުރަތަމަ ޝެޑިއުލް ފްލައިޓް އިނީ މިމަހުގެ 21 ގައި ޗެންޑޫއަށް. މަތިންދާ ބޯޓެއް ގެނެސްފައި ވަގުތުކޮޅެއް ނަގާނެ. އެއީ މީގެ 2 ދުވަސް ކުރީގައި އެހެން ގައުމެއްގައި ރަޖިސްޓްރޭޝަންގައި އޮއްވައި ރީ-ރަޖިސްޓްރީކޮށްފައި މިޤައުމަށް ރަޖިސްޓްރީކުރީ. އަދި މި އޮޕަރޭޓްކުރާ ކްރޫންވެސް އެ ބޯޓުގައި ހަދަންޖެހޭ ޓްރެއިނިންތަކާއި ބައެއް ކަންތައްތައް ހުންނާނެ. އެޑްމިނިސްޓްރޭޓިވްލީ ކުރަންޖެހޭ ކަންތައްތައްވެސް". ވަޒީރު ވިދާޅުވިއެވެ.

ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ޗައިނާގެ 3 ސިޓީއަކަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށެވެ. މޯލްޑިވިއަން ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމާއެކު އަހަރެއްގެ މައްޗަށް 60 ހާސް ފަސިންޖަރުން ރާއްޖެ ގެނެވޭނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވިއަންއިން ވިދާޅުވެއެވެ. މި ބޯޓުގައި ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތްދޭނެކަމަށާއި، އެއީ އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސްއެވެ.