ޚަބަރު

ސޮންގެ އެއްބަސްވުމަށް އެއް އަހަރު އިތުރުކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ޓޮޓްނަމް ހޮޓްސްޕަރގެ މިޑްފީލްޑަރު ސޮން ހުއުން-މިން، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމަށް އެއް އަހަރު އިތުރުކޮށްފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ދެކުނު ކޮރެއާއަށް އުފަން އުމުރުން 32 އަހަރުގެ ސޮން ޓޮޓްނަމް ހޮޓްސްޕަރ އާއި ގުޅިފައިވަނީ 2015 ވަނަ އަހަރު ޖަރުމަނުގެ ބަޔާ ލެވަކޫސަން އިންނެވެ. އަދި އޭނާ ވަނީ ޓޮޓްނަމް ހޮޓްސްޕަރ އަށް އެކި މުބާރާތްތަކުގައި މިހާތަނަށް ކުޅުނު 431 މެޗުގައި 169 ލަނޑު އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ.

ސޮން ވަނީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު 320 މެޗުގައި 125 ލަނޑު ޖަހާ 68 ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޓޮޓްނަމްގެ ކޯޗު ޕޮސްޓެކޮގްލޫ ބުނެފައިވަނީ ސޮން އާއި އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމަށް އެއް އަހަރު އިތުރު ކުރެވުމަކީ ވަރަށް ރަގަޅު ކަމެއް ކަމަށާއި އޭނާ ވަނީ އެ ކްލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައި ކަމަށެވެ.

ސޮން އާއިއެކު ޓޮޓްނަމް އިން ހަދާފައިވާ އެއްބަސްވުމަށް އެއް އަހަރު އިތުރު ކުރެވޭއިރު އޭނާ އެ ކްލަބުގައި 2026 ވަނަ އަހަރުގެ ނިޔަލަށް މަޑު ކުރާނެ އެވެ.

ޕޮސްޓެކޮގްލޫ އިތުރަށް ބުނެފައިވަނީ ފާއިތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ސޮން ވަނީ އެކްލަބަށް ގިނަ ކަންތައްތަކެއް ކޮށްދީފައި ކަމަށާއި އަދި އޭނާގެ އެދުމަކީ ޓޮޓްނަމްގައި އޭނާ ހޭދަކުރާ ދުވަސްތަކުގައި އޭނާއަށް މުބާރާތެއް ކާމިޔާބު ކުރެވުން ކަމަށެވެ.

2019 ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރ އިން ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފައިނަލަށް ދަތުރުކުރިއިރު ސޮން ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ސޮންގެ އެއްބަސްވުމަށް އެއް އަހަރު އިތުރު ކުރާނެކަމަށް ޓޮޓްނަމް އިން ބުނެފައިވަނީ ކަރަބާއޯ ކަޕްގައި މިއަދު ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ.

ޕްރިމިއާ ލީގުގައި މިވަގުތު ޓޮޓްނަމް އިތީ 12 ވަނައިގަ އެވެ. ސޮން ވަނީ މި ސީޒަނުގައި އޭނާ ކުޅުނު 17 މެޗުގައި ފަސް ލަނޑު ޖަހާ 6 ލަނޑު ޖެހުމަށް މަގު ތަނަވަސްކޮށްދީފަ އެވެ.