ތަރައްޤީގެ ނަފާ ރައްޔިތުންނަށް ލިބޭނީ ހަމަޖެހުން އޮވެގެންކަމަށާއި، އެހެންކަމުން ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުވަދުއަޅޮތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޙަގީގީ މާނައިގައި ތަރައްޤީ ގެނައުމަށްޓަކައި ޤައުމުގެ ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ މުހިއްމުކަމެއްކަމަށެވެ. އެހެންކަމުން ޤައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށާއި އެފަދަ ކަމެއް ކުރާނަމަ ޤައުމީ ވިސްނުމެއްގައި އެކަމެއް ހުއްޓުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ 14 މަސްދުވަހުވެސް އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ، ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ހިފާ ހައްޔަރުކޮށް، އަނިޔާ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަގީގީ މާނައިގައި ތަރައްޤީ ކަށަވަރުކުރެވޭނީ ޤައުމުގެ ހަމަޖެހުން ޔަގީންކުރެވިގެންކަމަށާއި އެކަން ޔަގީންކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ.
President Dr @MMuizzu meets with the residents of Maamendhoo Island in North Huvadhu Atoll. The meeting was held at the Maamendhoo harbour area.
— The President's Office (@presidencymv) January 8, 2025
During the meeting, the President addressed their concerns, shared the island’s development vision, and proposed solutions to resolve… pic.twitter.com/jWhHwYdiYV
"މިޤައުމުގައި ސިޔާސީ ފަރާތްތަކުން އަދި އެނޫންވެސް ބަޔަކަށް މިހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުސަތެއް އެކަމަކަށް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ އަޅުގަނޑު އެކަން ޤައުމީ ވިސްނުމެއްގައި ހުއްޓުވާ ޤައުމުގެ ހަމަޖެހުން ޔަގީންކުރާނަން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔަވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މިއަހަރުގެ ތެރޭގައި ބަޖެޓުގެ ތެރެއިންނާއި ބޭންކުތައް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ފެށިގެންދާނެކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ ބޯހިޔަވަހިކަމެއް ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ސްކީމްތަކުގެ ބޭނުންކޮށް މި 5 އަހަރު ނިމިގެންދާއިރު ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ ފުރަތަމަ ގެދޮރު ލިބިފައި ހުރުމަށް އެދިވަޑައިގަންނަވާކަން ވިދާޅުވާ ވިދާޅުވުން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން މާމެންދޫއަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި ތަރައްޤީ ގެނެސްދެއްވާނެކަމަށެވެ. އެގޮތުން މާމެންދޫގެ ބަނދަރު ތަރައްޤީކުރުމާއި ވަގުތީ ގޮތުންވެސް ރަށުގެ ގިރަމުންދާ ސަރަޙައްދުގެ ޙިމާޔަތްކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ކަމާބެހޭ މުވައްސަސާތައް މެދުވެރިކުރައްވާ ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެއާއެކު ރަށުގައި ވޭތުވެދިޔަ އެތައް ސަރުކާރަކަށްވެސް ނިންމާ ނުދެވުނު ނަރުދަމާގެ މަސައްކަތް ނިންމަވާ، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.