ހުޅުމާލެ ފޭސް 2ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން، ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލައިފިއެވެ. ސްޓެލްކޯއިން ވިދާޅުވީ މި މަސައްކަތަށް ކަރަންޓުގެ ޚިދުމަތް ކަނޑާލަން ޖެހުނީ އެންމެ ދެ ސަރަހައްދުންކަމަށެވެ.
ސްޓެލްކޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އައު ސަބްސްޓޭޝަން ބޭނުން ކުރަން ފަށާފައިވާއިރު، މިމަސައްކަތް ކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނުއެވެ. ސްޓެލްކޯއިން ވަނީ މިމަސައްކަތް ފެށުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓު ޚިދުމަތް މާލެގެ ބައެއް ސަރަހައްދުތަކުން އެއް ގަޑިއިރަށް މެދުކެނޑިދާނެ ކަން އަންގާފައެވެ. އެގޮތުން ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިމަސައްކަތް ކާމިޔާބުކަމާއި އެކު ނިމުމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ މީސްމީޑިއާގެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކުންފުނީގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާފައިވާކަމަށެވެ. އަދި މިމަސައްކަތް ކުރިއަށްދިޔަ ވަގުތު ކަރަންޓު ޚިދުމަތް ދިނުމަށް ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ٱلْحَمْدُ لِلَّٰهِ
— Hussain Fahmy (@HussainFahmy09) January 10, 2025
We have successfully completed the network expansion and energization of the 132kV substation with minimal power disruptions.
I wholeheartedly commend our engineers and staff for their exceptional dedication and professionalism in achieving this milestone.
A… https://t.co/1humLhY6Mx pic.twitter.com/GfF5cWF4wb
ސްޓެލްކޯއިން ވިދާޅުވީ މިމަސައްކަތް ކުރުމަށް ބުރާސްފަތި ދުވަހުން ފެށިގެން ތައްޔާރުވަމުން ދިޔަ ކަމަށެވެ. އެގޮތުން ތައްޔާރީތައް ފުރިހަމަ ކުރުމަށްފަހު، ދޮޅު ގަޑިއިރެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. ސްޓެލްކޯއިން ފުރަތަމަ އަންދާޒާ ކުރީ 10 ސަރަހައްދަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޖެނެރަލް މެނޭޖަރ އިބްރާހީމް ނާޝިދު ވިދާޅުވީ، މިމަސައްކަތް ކުރިއަށް ދިޔައިރު ކަރަންޓު ކަނޑަން ޖެހުނު ހިސާބުތައް މަދުވެގެން ދިޔައީ މޫސުން ތަންދިނުމުގެ ސަބަބުން ކަމަށެވެ. މިއާއެކު ރައްޔިތުން މިކަމުގެ ދެއްވި އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
"އަޅުގަނޑުމެން މިމަސައްކަތް ފެށީ ހެނދުނު 6:00 ޖެހިއިރު. މިމަސައްކަތް 7:35 ވީއީރު ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައި. މިއަދު މޫސުން ތަންދިނުމުގެ ސަބަބުން އިއްޔެ އަޅުގަނޑުމެން ދަންނަވާލި ގޮތާއި ޚިލާފަށް އެންމެ 2 ސަރަހައްދުން މާލެއިން ކަރަންޓު ކެނޑީ. އެ ދެ ސަރަހައްދަށްވެސް 1 ގަޑިއިރު ނުވަނީސް ވަނީ ކަރަންޓު ދީފައި. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިވާނެ ކަމަށް ޤަބޫލުކުރަން އެކަމަކުވެސް ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރީއްޔާ" ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޖެނެރަލް މެނޭޖަރ އިބްރާހީމް ނާޝިދު ވިދާޅުވިއެވެ.
ސްޓެލްކޯގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މާލެ ސަރަހައްދުގައި އިތުރުވަމުން އަންނަ ޑީމާންޑާއި އެއްވަރަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ދޫރާލާ އެކުންފުނިން ކަރަންޓު ޚިދުމަތް ދިނުމަށް ތައްޔާރުވެއެވެ. އެގޮތުން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކާއި ނެޓްވޯކްގެ މަސައްކަތްތައް އަބަދުވެސް އެކުންނިން ދަނީ ކުރަމުންނެވެ.
އެކުންފުނިން މިމަސައްކަތްތައް ކުރަމުންދާއިރު، ރައްޔިތުންނަށް ވީހާވެސް ބޮޑަށް ދަތިނުވާނެ ގޮތަށް މަސައްކަތްތައް ރާވާ އިންތިޒާމު ކުރަމުންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.