ޚަބަރު

މާލެއިން 6 ގަޑިއިރު ތެރޭގައި 13000 ޓަނަށްވުރެ ގިނަ ފެން ހިންދައިފި


  • މާލޭގެ 8 ސަރަހައްދެއްގައި އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން

  • މާލޭ އޭރިއާ ކޮމާންޑުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގައި 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއިން 6 ގަޑިއިރު ތެރޭގައި 13000 ޓަނަށްވުރެ ގިނަ ފެން ހިންދައިފިއެވެ.

ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ފެށީ ރޭ ދަންވަރު 3:00 ހާއިރުއެވެ. އެ މަސައްކަތުގައި މިހާތަނަށް ޖުމްލަ 13،882 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ފެން ހިންދުމުގެ މަސައްކަތް ކުރުމަށް އެމްއެންޑީއެފުން ވަނީ މާލޭގެ 8 ސަރަހައްދެއްގައި 23 ޕަމްޕު ބަހައްޓާފައެވެ. މީގެތެރޭގައި މާލޭގައި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތައް ކަމަށްވާ ވެސްޓް ޕާކު ސަރަހައްދާއި، ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދާއި ބޮޑުވަޅު ސަރަހައްދާއި ކިންގް ސަލްމާން މިސްކިތް ސަރަހައްދުގެ އިތުތުން ދަރުބާރުގެ އާއި ސޯޝަލް ސެންޓަރ ސަރަހައްދު ހިމެނެއެވެ.

އެމްއެންޑީއެފުން އަންނަނީ ފެން ހިންދުމުގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބޭ ގެތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގައި 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާލެއަށް ކުރަމުންދާ ވިއްސާރައިގައި ރޭ އެކަނި 130.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މާލޭގެ އިތުރުން ހުޅުލެއަށްވެސް 79.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އަންނަނީ ރާއްޖެއަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުތައްވެސް ނެރެމުންނެވެ. އެގޮތުން، މިއަދު މެންދުރު 2:00އާ ހަމައަށް ހއ. އިން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފައިވާއިރު ށ. އަތޮޅުން ތ. އަތޮޅަށް، މެންދުރު 1:00 އާ ހަމައަށް ރީނދޫ ސަމާލު ވަނީ ނެރެފައެވެ.