ޚަބަރު

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިޔަން ރުފިޔާ، މިއީ %12 އިތުރު އަދަދެއް


  • މިދިޔަ ޑިސެންބަރުމަހު ވަނީ މުދަލު ޒަކާތުގެ ގޮތުގައި 9.7 މިލިޔަން ރުފިޔާ ލިބިފަ

  • 2023ވަނަ އަހަރުގެ ޑިސެންބަރުމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 6.4 މިލިޔަން ރުފިޔާ

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 101.9 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2023ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބުނު 90.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %12.9 އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިންއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޑިސެންބަރުމަހު ވަނީ މުދަލު ޒަކާތުގެ ގޮތުގައި 9.7 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ 2023ވަނަ އަހަރުގެ ޑިސެންބަރުމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 6.4 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %51.5 އިތުރު އަދަދެކެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަ މެއިމަހުގެތެރޭގައެވެ. 10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާއެވެ.

މުދަލުޒަކާތުގެ ނިޞާބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ.

ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.

ރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ، މަރުކަޒީ ބެންކު (މޯޑިވްސް މަނިޓަރީ އޮތޯރިޓީ) އިންނެވެ. ނިޞާބު ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި އިޢުލާން ކުރެއެވެ. އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު ތަފާތުވެއެވެ.
ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގައި ނިޞާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެމުދަލެއް ހުރެ ހިޖްރީ ގޮތުން 1 (އެކެއް) އަހަރު ހަމަވުމުންނެވެ.
2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފައެވެ.